ޚަބަރު

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ؛ އީދު ހަވީރު 3 ދުވަހަށް


  • ސަލްޓަން ޕާކް ހުޅުވުމުގެ ސަބަބުން އީދު ހަވީރު ހަރަކާތް އިތުރަަށް ފުރިހަމަވެގެންދާނެ

  • އީދު ހަވީރު އޮންނާނީ ހަވީރު 16:00 އިން 18:00 އަށް

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ ކަމަށާއި އަދި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަހަރުގެ ބޮޑުއީދާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފައިވާކަމަށެވެ. އެހެން ކަމުން އީދު ހަވޫރުގެ ހަރަކާތްތައް ސަލްޓަން ޕާކްވެސް ކުރިޔަށްދާނެ ކަމަށް އެމްއެންޑިއެފުން ވިދާޅުވިއެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި ސުނާމީ ބިނާ ބަންދުކޮށް ޒަމާނީ ފެނަވަރުގައި ތަރައްޤީކުރުމަށް މަސައްކަތްތައް ފެށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

ކުރިން ސުނާމީ ބިނާ އަދި ސަލްޓަންޕާކް ހުޅުވުން އީދު ފަހަށް ތާވަލުކުރެވިފައި ވީނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަނަމަދު މުއިއްޒުވަނީ ސަލްޓަން ޕާކް އަދި ސުނާމީ ބިނާގެ މަސައްކަތް އީދު ދުވަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ސަލްޓަން ޕާކު ހުޅުވުމުގެ އިތުރުން، އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޚާއްސަ "އީދު ހަވީރު" ގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު މި ހަރަކާތްތައް އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށެވެ.

މިއަހަރުގެ އީދު ހަވީރުގެ ތެރެއިން ސިޓީތަކާބެހޭ ވުޒާރާއާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެންނެވެ.