ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާ ގުޅިގެން ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް މިހާރު ނޯންނާނެކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ މި އަހަރުގެ އޯޑިނަރީ ކޮންގްރެސްގައި، ފާއިތުވީ ހަތް މަހެއްހައި ދުވަހު އެފްއޭއެމުން ކޮށްފައިވާ ބައެއް މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އައު ޒައާމަތުން އެފްއޭއެމްގެ ހިންގުމާ ހަވާލުވިއިރު، ވަރަށް ގިނަ އަދަދެއްގެ ދަރަނި އެ އެސޯސިއޭޝަންގައި އޮތްކަން ޠާރިޤް ފާހަގަކުރެއްވިއެވެ.
ޠާރިޤް ވިދާޅުވީ، ހުޅުމާލެއިން އެފްއޭ އަށް ލިބިފައިވާ ބިމެއް ސަބްލީސްކުރުމަށް ކޮށްފައިވާ މުއާމަލާތާ ގުޅިގެން، އެފްއޭއިން އެދިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަހުގީގެއްކޮށް އެކަމާގުޅޭ ރިޕޯޓު އާންމުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އެފްއޭއިން އެޑްވާންސްކޮށް ނަގާފައިވާ ފައިސާތަކާ ގުޅިގެން އުފެދިފައިވާ ދަރަނިތަކުގެ ސަބަބުން، މި އަހަރުގެ ބަޖެޓުން ބޮޑު ހޭދައެއް އެކަމަށް ކުރަން ޖެހުނުކަން ޠާރިޤް ފާހަގަކުރެއްވިއެވެ. އެގޮތުން، ގާތްގަނޑަކަށް 70 މިލިއަން ދިވެހި ރުފިޔާގެ ދަރަނި، އެ ކަންކަމުގެ ސަބަބުން ބަޖެޓުގައި އުފެދިފައިވާކަމަށް ޠާރިޤް ވިދާޅުވިއެވެ.
ކަން މިހެން އޮތް ނަމަވެސް، ފާއިތުވީ ހަތް މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު، ކޯޓަކުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް މިހާރު އެފްއޭއެމްގައި ނޯންނާނެކަން، ވަރަށް އުފަލާއި، ހިތްހަމަޖެހުމާއެކު ޠާރިޤް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މިހާރު ވެސް ކޯޓު މަރުހަލާގައި އެފްއޭއެމްއާ ގުޅުންހުރި ދެ މައްސަލައެއް ހިނގަމުންދާކަން ފާހަގަކުރައްވައި އެކަމުގެ ތަފްސީލުވެސް ޠާރިޤް ހިއްސާކުރެއްވިއެވެ.
"މިވަގުތު އެފްއޭއެމް، ހާއްސަކޮށް މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި އެފްއޭގައި މިހާރު ކޯޓަކުން ހުކުމްކޮށްފައި، ނުދައްކާހުރި އެއްވެސް ދަރަންޏެއް ނޯންނާނެ. ނަމަވެސް ކޯޓު މަރުހަލާގައި އެބަ ހިނގާ އެފްއޭއެމްގެ ދެ މައްސަލައެއް. އެއީ އެއް މައްސަލައަކީ ކޮރެއާ ކުންފުންޏަކަށް، އެފްއޭގެ އިމާރާތް އެޅުމާއި އަދިވެސް ކުރި މަސައްކަތްތަކެއްގައި ކޮރެއާ ކުންފުންޏަކުން އެފްއޭއާ ދެކޮޅަށް ހިނގާ މައްސަލައެއް. އެއީ 3.2 މިލިއަން ޑޮލަރުގެ މައްސަލައެއް. އޭގެ އިތުރަށް އެޗްޑީސީން އަޅުގަނޑު ކުރިން ދެންނެވި މައްސަލައިގައި އެޗްޑީސީން އެ ބިން އަތުލުމަށްފަހު ވަނީ ކޯޓަށް ގޮސްފައި. 10 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު އެފްއޭ އިން ދެއްކުމަށްޓަކައި ކޯޓު މަރުހަލާގައި އެ މައްސަލަ ހިނގާ. މި ދެ މައްސަލައަކީ ވެސް އެފްއޭއާ ދެކޮޅަށް ކޯޓުގައި ހިނގަމުންދާ ދެ މައްސަލައެއް". ކޯޓު މަރުހަލާގައި ފުޓުބޯޅަ އެސޯސިއޭޝަނާ ދެކޮޅަށް މިހާރު ހިނގަމުންދާ މައްސަލަތައް ތަފްސީލުކޮށްދެއްވައި ޠާރިޤް ވިދާޅުވިއެވެ.
މީގެއިތުރުން، ފާއިތުވީ ހަތް މަސް ދުވަސް ތެރޭގައި އެހެން ބައެއް ކުންފުނިތަކުން ވެސް އެފްއޭއެމް ގޮވައިގެން ކޯޓަށް ގޮސްފައިވާކަން ޠާރިޤް ހާމަކުރެއްވިއެވެ. އޭގެތެރެއިން ބައެއް ކުންފުނިތަކާއެކު ކުރެވުނު މަޝްވަރާތަކާއެކު، އެއްބަސްވުމަކަށް އާދެވި، އެ މައްސަލަތައް ޝަރުޢީ މަރުހަލާއިން ނަގައި، ސެޓްލްމަންޓް އެގްރީމަންޓެއް މިހާރު ހެދިފައިވާކަން ޠާރިޤް ހާމަކުރެއްވިއެވެ.
އަދި ބައެއް ކުންފުނިތަކާއެކު، މިފަދަ އެއްބަސްވުންތަކާ ހަމައަށް އައުމަށް ކުރަންޖެހޭ މަޝްވަރާތައް ވެސް މިހާރު ކުރަމުންދާކަމަށް ޠާރިޤް ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެފްއޭއެމްގެ އެންމެ ބޮޑު ދަރަންޏެއް އޮތީ އެޗްޑީސީއާއި އައިލެންޑް އޭވިއޭޝަނަށެވެ. އެޗްޑީސީއަށް 10 މިލިއަން ދައްކަންޖެހޭއިރު އައިލެންޑް އޭވިއޭޝަނަށް ހަތް މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. މީގެއިތުރުން އެސްޓީއޯއަށް ވެސް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހެއެވެ.
އެސްޓީއޯއާއި އައިލެންޑް އޭވިއޭޝަނާއެކު ވެވޭ އެއްބަސްވުމުގެ ދަށުން، އެ ފައިސާ އިތުރަށް ދައްކަން ނުޖެހި، އެފްއޭއެމްގެ މުބާރާތްތަކުގެ ސްޕޮންސަރުންނަށް ވެގެން އެ ދަރަނި ޚަލާސްކުރެވޭނެ ގޮތެއް ހެދޭނެކަމަށް ޠާރިޤް ވިދާޅުވިއެވެ.
ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު އެފްއޭއެމްގެ އައު ޒައާމަތުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކާއެކު، އޭގެ ކުރީގެ ޒައާމަތުން އެފްއޭއެމް ވައްޓާލި އަނދަވަޅުން އެ އެސޯސިއޭޝަން އަންނަނީ އަރައިގަންނަމުންނެވެ.
ބައިނަލްއަގްވާމީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާއަށް ހިޔާނާތްތެރިވެ، ކުރީގެ ޒައާމަތުގެ އިސް ވެރިން ކޮށްފައިވާ ކުށްތަކުގެ މައްސަލަތައް ކޯޓު މަރުހަލާގައި އޮތްއިރު، އެއިން ބައެއް މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަށް ވަނީ ހުކުމްވެސް ކޮށްފައެވެ.
ރާއްޖޭގެ އެންމެ ގިނަބަޔަކު ޝައުގުވެރިވާ ކުޅިވަރުގެ ގޮތުގައި އޮތް ފުޓުބޯޅަ އަލުން ކޮޅަށްޖަހައި، އޭގެ އަސްލު މަގާމަށް ގެންދިއުމަށް އެފްއޭއެމްގެ ރައީސް ޠާރިޤާއި އައު އެކްސްކޯއިން ކުރަމުން އަންނަ މަސައްކަތަށް ގިނަބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.