ޚަބަރު

ބުލޫ ސްޕޯޓްސް ކުލަބުުގެ ހެޑް ކޯޗަކަށް މުޖުތަބާ


  • މުޖުތަބާ ކުރިން ހުރީ ވެލެންސިއާގައި

  • އެފްއޭ ކަޕްގައި ބުލޫ ފުރަތަމަ ވާދަކުރާނީ އީގަލްސްއާ

ކުރިޔަށް އޮފް އެފްއޭ ކަޕަށް ބުލޫ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗު ކަމަށް އަޙްމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައިފިއެވެ.

އޭނާ ކުރިން ހުރީ ކުލަބު ވެލެންސިއާގެ ކޯޗުގެ މަގާމުގައެވެ. މުޖުތަބާ ބުލޫ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖެއްސިކަން އިއުލާނުކޮށްފައިވަނީ އިއްޔެ އެ ކުލަބުގެ ފޭސްބުކްޕޭޖުގައެވެ. ބުލޫ ސްޕޯޓްސް ކުލަބުން އިއްޔެ ވަނީ ކުލަބުގެ ފިޓްނެސް ކޯޗުގެ މަގާމަށް ކޯޗު ނައުފަލް މުޙައްމަދު ހަމަޖެއްސިކަންވެސް އިއުލާނު ކޮށްފައެވެ. ނައުފަލަކީ ފުޓްސަލް ކޯޗެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކޯޗެކެވެ.

ބުލޫ ސްޕޯޓްސް ކުލަބަކީ މި ސީޒަނުގައި މުޅިން އަލަށް ފުޓުބޯޅައަށް ނިކުންނަ ޓީމެކެވެ. އަދި ފުރަތަމަ ޑިވިޝަނުން ބޭރުން އެފްއޭކަޕްގައި ވާދަކުރާ ހަމައެކަނި ޓީމަކީވެސް ބުލޫއެވެ. އެފްއޭކަޕްގެ އިތުރުން އެ ކުލަބުން އަންނަނީ 3 ވަނަ ޑިވިޝަނުގައި ވާދަކުރުމަށް ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ބުލޫ ސްޕޯޓްސް ކުލަބަކީ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ކުލަބެކެވެ.

ބުލޫ ސްޕޯޓްސް ކުލަބަކީ ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހުމަދު ވާސިފްގެ ބައިވެރިވުމާއެކު އުފައްދާފައިވާ ކުލަބެއްކަމަށް މައުލޫމާތު ލިބެއެވެ.

އެފްއޭކަޕް އޮންނާނީ 10-18 އޭޕްރީލުގެ ނިޔަލަށެވެ.

ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެފްއޭކަޕް އަލުން ބާއްވާއިރު މިއަހަރު ވާދަކުރާނީ 8 ކުލަބަކުންނެވެ. އެއީ ބުލޫ ސްޕޯޓްސް ކުލަބު، އޮޑި ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް، ވިކްޓްރީ ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު، ބުރު ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ބުލޫސް ސްޕޯޓް އަދި އެންމެ ފަހުގެ އެފްއޭކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.

ބުލޫ ސްޕޯޓްސް ކުލަބުން އެފްއޭކަޕްގައި އެންމެ ފުރަތަމަ ނިކުންނާނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކުލަބު އީގަލްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން ބޭއްވި އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލްގައި 2-0 ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެން މާޒިޔާއިންނެވެ. ވެލެންސިއާ މިހާރުވަނީ 2 ވަނަ ޑިވިޝަނަށް ރެލިގޭޓުވެފައެވެ.