ކޮންމެ މީހަކީވެސް ކީރިތި ޤުރުއާން ކިޔެވުމާއެކު އޭގެ ރޫޙާނީ އަދި ޢިލްމީ ފައިދާ ފުރިހަމައަށް ލިބިގަތުމަށް، ޤުރުއާނުގެ މާނައިގައިވާ ކަންކަން ދެނެގަންނަ މީހަކަށްވުމަށް މަސައްކަތްކުރުމަށް ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
މައުމޫނު ފައުންޑޭޝަނުން މިރަމަޟާން މަހު ބާއްވަމުންދާ އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުން، އެ ފައުންޑޭޝަންގެ ޗެއަރމަން ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ ފަހު 10ގެ މާތްކަމާއި ޞަވާބާއި ދަރުމަ ފުރިހަމަގޮތުގައި ހޯދާ ބަޔަކަށް ވުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ އަރަބި ބަހާއި އިނގިރޭސިން ހުންނަ ލިޔުންތައް ކިޔުމަށް ދަތިވާނަމަ، ޤުރުއާނުގެ ދިވެހި ތަރުޖަމާ އޮތްއިރު، ޤުރުއާން ކިޔެވުމާއެކު އޭގެ ތަރުޖަމާއާއި މާނަ ދެނެގަތުން މުހިންމުކަމަށެވެ. ކިޔަވާ އެއްޗަކާމެދު ވިސްނާ އެއަށް ސިކުނޑި ހަރަކާތްކޮށް، ރޫހާނީ އަދި ޢިލްމީ ފައިދާ ހޯދަންޖެހޭކަމަށެވެ. ކީރިތި ޤުރުއާނަކީ އޭގައި ނިމުމެއް ނުވާ، އެއާމެދު ވިސްނި ވަރަކަށް އަޖައިބުކުރުވަނިވި އެތައް ކަމެއް ފެންނާނެ، ބަޔާންވެގެންވާ ފޮތް ކަމަށް ވިދާޅުވިއެވެ.
"ޤުރުއާނާމެދު ވިސްނާ ބަޔަކަށް ހިތަށް ނާރާހާ އަޖައިބު، އަންތަރިސްކުރުވަނިވި އެތައް ކަމެއް ފެންނާނެ. އެ ޤުރުއާނުގެ މާތްކަމާއި މޮޅުކަން ހިތަށް ގެނެވޭނެ. މިއީ ވަކި ރެއަކު ކޮށްފައި ދޫކޮށްލަންވީ ކަމެއް ނޫން." ރައީސް މައުމޫން ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއްގައި ލައިލަތުލް ޤަދްރި ވިލޭރޭގައި ޤުރުއާން ބާވައިލައްވަން ފެއްޓެވިއިރު، އެރެއަކީ 1000މައްސަރައްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެވެ. އަދި އެރޭ ވަންހަނާވެފައިވަނީ އޭގައި އެތައް ޙިކުމަތެއް އެކުލެވޭތީކަމަށް ވިދާޅުވެ ޤުރުއާނުގައި ފޮރުވިގެންވާ މިފަދަ އެހެނިހެން އަޖައިބުތަކުގެ މައްޗަށް ރައީސް މައުމޫންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
"19" އޮނަވިހިވެއެވެ. އެއީ ވަރަށް ޚާއްސަ ޢަދަދަކަށް އެބަވޭ. އޮނަވިހީގެ ވަރަށްގިނަ ކަންތަކެއް ޤުރުއާނުގައި އައިސްފައިވޭ. ބިސްމީގައި ވަނީ އަރަބި އަކުރުގެ އޮނަވިހި އަކުރު. ޤުރުއާނުގެ 114 ސޫރަށް އޮނަވިހިން ގެއްލޭ. އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތްތަކުގެ ލަފުޒުތަކުގެ އަދަދަކީވެސް 19. ނަރަކަ ބެލެހެއްޓުމަށް އޮންވިހި މަލާއިކަތުން ލައްވާފައިވެއެވެ. ކީއްވެގެންތޯ އޮނަވިހި. ފޮރުވިފައިވާ އެތައް ކަމެއް ޤުރުއާނުގައި ވޭ. ވިސްނާ ފިކުރު ކުރަންޖެހޭ." ރައީސް މައުމޫނު ވިދާޅުވިއެވެ.
ފަހުދިހައިގެ ސަވާބާއި ދަރުމަ ފުރިހަމަގޮތުގައި ލިބިގަތުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށް ރައީސް މައުމޫނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.