ފުޓުބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. މިއީ އިޖްތިމާޢީ ހަރަކާތެކެވެ. ދޭދޭ ފަރުދުންނާއި، އާއިލާތަކާއި ރަށްރަށާއި ޤައުމުތައް ވެސް ބަދަހިކުރުވާ މެދުވެރިއެކެވެ.
ޚިޔާލުތަފާތުވުންތަކާއި ސިޔާސީ ވާދަވެރިކަމާއި އެ ނޫންވެސް ހިތްހަމަނުޖެހުންތަކާއި އަރައިރުންވުންތައް ދުރުކޮށް، އެކުވެރިކަމާއި އަޚުވަންތަކަން ގެނުވާ މަދަދުގާރެކެވެ. މިކަން، މި ކުޑަކުޑަ ރާއްޖެއިން ވެސް ފެނިފައި ވެއެވެ.
ފުރަތަމަ ފަހަރަށް، ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި "މަލްޓި ޕާޓީ އިލެކްޝަނެއް" ބޭއްވީ 2008 ވަނަ އަހަރުއެވެ.
އޭރު ޤައުމު އޮތީ ސިޔާސީ ހަލަބޮލިކަމާއި ވާދަވެރިކަމުގެ ސަބަބުން ބައިބަޔަށް ބެހިފައެވެ. އެކި "ކުލަކުލައިން ދިއްލިފައިވާ ފިކުރުތަކާއި" އެކި ސިޔާސީ ލީޑަރުންގެ ދިފާއުގައި ބަސް ބުނާނެ ދޫތަކުން މުޅި ގައުމު އޮތީ ފަޅިފަޅިއަށް ބެހިފައޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެއެވެ.
ކަން މިހެން އޮއްވައި، ހަމަ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި، ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ބޭއްވިއެވެ. އަވަށްޓެރި ލަންކާއާ ގުޅިގެންނެވެ.
ޖޫން މަހުގެ ތިންވަނަ ދުވަހުގެރޭ ޕާކިސްތާނާ ދެކޮޅަށް ނުކުތް ދިވެހި ޤައުމީ ޓީމަށް ހިތްވަރުދޭން ގަލޮޅު ދަނޑަށް ނުކުތްގޮތަށް، ޖޫން 14 ވަނަ ދުވަހު ލަންކާގެ ކޮޅުނބުގައި "މިއޮށް ކުޑަ ރާއްޖެ އަރައި، އެއޮށް ބޮޑު އިންޑިއާ 0-1 އިން ބަލިކޮށް"، ތަށްޓާއެކު އެނބުރި ރާއްޖެ އައުމާ ހަމައަށް ވެސްމި ދީބު އޮތީ ފެއްސާއި ރަތާއި ހުދުން ޖަރީވެފައެވެ. ސިޔާސީ ކުލަތަކުން ބައިބައިވި ޤައުމު، ޤައުމީ ކުލަތަކުން ބަދަހިކުރުވީއެވެ.
އަނެއްކާވެސް މިއޮތީ އެފަދަ ދުވަސްތަކެއް ގާތްވެފައެވެ. ފުރަތަމަ ފަހަރަށް އުމުރުފުރައިގެ ފުޓުބޯޅައިގެ ބޮޑު ހަރަކާތެއް ބާއްވަން ރާއްޖެއަށް މިވަނީ ފުރުސަތު ލިބިފައެވެ. މި މަހުގެ 23 ވަނަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ކުޅޭނީ މާލޭގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
ޕާކިސްތާނު ކޮޅަށް 2008 ވަނަ އަހަރުގެ ޖޫން 3 ގައި މުހައްމަދު ޝިފާން "ކުޑައްޓޭ" ޖެހި ލަނޑުން ފެށިގެން، 14 ވަނަ ދުވަހު އިންޑިއާ ކޮޅަށް މުހުތާރު ނަސީރު "ޓޫކިލޯ" ޖެހި ގޯލާ ހަމައަށް އެ ނެގި ފޯރިއާއި ޖޯޝު ގެންނަން މިވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ.
ރާއްޖޭގައި އޮތީ އުއްމީދީ ސްކޮޑެކެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެކެވެ. އެކަން، ދިވެހި ލީގާއި އެހެން ބައެއް މުބާރާތްތަކުން ވެސް ފާހަގަވާނެއެވެ. މީގެއިތުރުން، މުބާރާތަށް ތައްޔާރުވުމަށް ރާއްޖެއިން ސިންގަޕޫރުގައި ކުރަމުންދާ ކޭމްޕުގެ ތެރެއިން އެ ގައުމުގެ ޒުވާން ޓީމު ބަލިކުރުން ވެސް އޭގެ ހެއްކަކަށް ފުދެއެވެ.
ދިވެހި ކުޅުންތެރިން ބޭނުންވަނީ ހިތްވަރުދޭނެ ދިވެހި ސަޕޯޓަރުންނެވެ. އަމިއްލަ ގައުމުގައި، އަމިއްލަ ފަސްގަނޑުގައި ސަޕޯޓުކުރާނެ ދިވެހިންނެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމްލަ 7 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ޕާކިސްތާނާއި ސްރީލަންކާއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި 23 ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ނޭޕާލާއި ބޫޓާނެވެ. އަދި މުބާރާތް ހުޅުވާ މެޗުގައި އެރޭ، ރާއްޖެއިން ލަންކާއާ ދެކޮޅަށް ނުކުންނާނެއެވެ.