ޚަބަރު

ލެވަކޫސަން އާއި އާސެނަލް އެއްވަރު


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ބެޔާ ލެވަކޫސަން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.

ލެވަކޫސަންގެ ބޭއެރީނާ ގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ފުރަތަމަ ހަފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލެވަކޫސަން އިން ކުރި ހޯދާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ރޮބަޓް އެންޑްރިކް އެވެ. މިއީ އެ ޓީމަށް ލިބުނު ކޯނަރެއް ނެގި ވަގުތު އެންޑްރިކް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ލެވަކޫސަން އިން ލަނޑު ޖަހާ ލީޑު ނެގިއިރު މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އާސެނަލް ކުޅުނު މެޗުތަކުގައި އިދިކޮޅު ޓީމުން ލީޑު ނެގި ފުރަތަމަ ފަހަރެވެ.

އާސެނަލް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކުރިން ލެވަކޫސަން އަށް ކުޅުނު ޖަރުމަނުގެ ފޯވަޑް ކައި ހަވަޓްޒް އެވެ.

މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ އަންގާރަ ދުވަހު ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގަ އެވެ.