ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގެ ފައިނަލުން ޓީމް ވިޔަޒޯރު ޖަގަހޯދައިފިއެވެ. ފައިނަލުގެ ޖާގަ ވިޔަޒޯރުން ކަށަވަރުކުރީ ޓެން ސްޓާޒްއާއި ވާދަކޮށް 53 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ކުނަހަންދޫ ކުރިކެޓު ދަނޑުގައި އިއްޔެ ކުރިއަށް ދިޔަ ސެމީ ފައިނަލުގެ ފަހު މެޗުގައި ގުރު ދިމާވެގެން ޓެން ސްޓާޒްއިން ގަސްދުކުރީ ހޮވަންއަރާށެވެ. އެހެންކަމުން ޓީމް ވިޔަޒޯރުން ކުޅެން އަރާ 8 އޯވަރު ތެރޭ 1 ވިކެޓަށްވަނީ 124 ލަނދު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 44 ލަނޑު ހެދި ފުވާދު ނަފީސްއެވެ.
އަދި ޓެން ސްޓާޒްއިން އެންމެ ރަނގަޅަށް އުކީ 45 ލަނޑަށް 1 ވިކެޓް ނެގި، މުހަންމަދު އާލިމްއެވެ.
ޖަވާބުގައި ޓެން ސްޓާޒްއިން ކުޅެން އަރާ 8 އޯވަރު ތެރޭ 6 ވިކެޓަށް ހެދުނީ 102 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 21 ލަނޑު ހެދި މުހަންމަދު އައްޔާޝްއެވެ.
އަދި ވިޔަޒޯރު ޓީމުން އެންމެ ރަނގަޅަށް އުކީ، 22 ލަނޑަށް 4 ވިކެޓް ނެގި ފުވާދު ނަފީސްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެސް އޭނާއެވެ.
މިމުބާރާތުގެ ފައިނަލު މެޗު ހުކުރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު ވިޔަޒޯރާއި ދެކޮޅަށް ނުކުންނަ ކުނަހަންދޫ ބޯއިޒް އިން ފައިނަލުގެ ފުރުސަތު ހޯދާފައިވަނީ ސެމީގައި ކަދުރު އެފްސީ ބަލިކޮށްގެންނެވެ.
ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ޕޮއިންޓު ތާވަލަށް ބަލާއިރު، 6 މެޗުން ހޯދި 15 ޕޮއިންޓާއިއެކު އެއްވަނައިގައި އޮތީ ކުނަހަންދޫ ބޯއިޒް އާއި ޓީމް ވިޔަޒޯރު އެވެ. ޓީމް ޑީއެކްސް 12 ޕޮއިންޓާއިއެކު 2 ވަނައިގައި އޮތްއިރު، ކަދުރު އެފްސީއަށް ތިންވަނަ ލިބެނީ 9 ޕޮއިންޓާއިއެކުގައެވެ.