ބާސެލޯނާއިން އިޓަލީގެ އިންޓަމިލާނުގެ ޑފެންޑަރު އަލަސެންދްރޯ ބަސްޓޯނީ ގަތުމަށް ކެޕްޓަން ރޮނަލްޑް އަރައުހޯ ވިއްކާލަން މަސައްކަތް ފަށައިފި އެވެ.
ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއިން ގަތުމަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިއަކީ ސެންޓްރަލް ޑިފެންޑަރެކެވެ. މި ގޮތުން އެ ޓީމުގެ ސްޕޯޓިން ޑިޕާޓްމަންޓުން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ ކުޅުންތެރިއަކީ ބަސްޓޯނީ އެވެ. އޭނާ އަކީ އިޓަލީގެ ގައުމީ ޓީމުގެ ވެސް އެންމެ އިތުބާރު ދިފާއީ ކުޅުންތެރިޔާ އެވެ.
ބަސްޓޯނީ އިންޓަމިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމަށް އެ ކުލަބުން މިހާތަނަށް ކުރި މަސައްކަތުގައި އަދި ކުރިއެރުމެއް ނުލިބެ އެވެ. މީގެ އިތުރުން ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ ވަނީ އިޓަލީ އަށް ދަތުރުކޮށް ކުޅުންތެރިޔާގެ އެޖެންޓާ މަޝްވަރާ ކޮށްފަ އެވެ.
އިޓަލީގެ މީޑިއާތަކުން ދެކޭ ގޮތުގައި އިންޓަމިލާނުން ބަސްޓޯނީ ވިއްކާލާނީ މަދުވެގެން 80 ނުވަތަ 90 މިލއަން ޔޫރޯ ލިބޭނަމަ އެވެ. ނަމަވެސް ބާސެލޯނާއިން މަސައްކަތް ކުރަނީ 60 މިލިއަން ހުށަހަޅައިފިނަމަ ބަސްޓޯނީ ކުލަބު ބަދަލު ކުރަން އިސްނަގައިފިނަމަ އިންޓަމިލާނުން ކުޅުންތެރިޔާ ވިއްކާލާނެ ކަމަށެވެ.
މީގެ އިތުރުން މި ވިޔަފާރީގައި އެ ޓީމުގެ އުރުގުއާއީ ޑިފެންޑަރު ރޮނަލްޑް އަރައުހޯ ހިމެނުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ބާސެލޯނާއިން ގަބޫލު ކުރާ ގޮތުގައި އެ ޓީމުގެ ކެޕްޓަން ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި މަދުވެގެން 50 މިލިއަން ޔޫރޯ އަށް ވިއްކާލެވިދާނެ އެވެ.