ޚަބަރު

ބީއެމްއެލުން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަނީ


  • އަހަރީ ޢާއްމު ޖަލްސާ އޮންނާނީ މި މަހުގެ 28ގައި

  • ބޯނަސް ހިއްސާދޫކުރަން ބޭންކުގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރާނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް އެ ބޭންކުން ނިންމައިފިއެވެ.

ހިއްސާއަކަށް 60 ރުފިޔާގެ މަގުން ޖުމުލަ 322 މިލިޔަން ރުފިޔާ ބެހުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ. މިއީ މިހާތަނަށް ބޭންކުން ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.

ބީއެމްއެލުން ވިދާޅުވީ، އެކުންފުނީގެ އަހަރީ އާންމު ޖަލްސާ މި ހިންގާ މާރިޗު މަހުގެ 28ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ތިން ގޮތަކަށް ބައިވެރިވެވޭނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ. އެއީ ޖަލްސާއަށް ހިއްސާދާރު އަމިއްލައަށް ހާޟިރުވާގޮތަށާއި، އޮންލައިން ޒަރީއާއިން އަދި ޕްރޮކްސީ މެދުވެރިކޮށް ކަމަށެވެ.

ބޭންކުގެ 43 ވަނަ އަހަރީ އާންމު ޖަލްސާއަށް އަމިއްލައަށް ހާޟިރުވެގެން ނުވަތަ އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 ގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލެވޭނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ. އަދި މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ މި މުއްދަތުގެ ނިޔަލަށް ރަޖިސްޓަރޭޝަން ފުރިހަމަކުރައްވާ ފަރާތްތަކަށް އެކަނި ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ހިއްސާދާރެއްގެ ބަދަލުގައި މިޖަލްސާއަށް ހާޟިރުވެ ވޯޓް ދިނުމަށް އެހެން ފަރާތެއް ފޮނުއްވަވާނަމަ ނުވަތަ އޮންލައިންކޮށް ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، އެންމެ ލަސްވެގެން މިމަހުގެ 26ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ބީއެމްއެލުން ވިދާޅުވީ، ކުރީއަހަރުތަކާ އެއްގޮތަށް މިއަހަރުގެ ޖަލްސާގައިވެސް ކުންފުނީގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން އޮންނާނެކަމަށެވެ. އަދި މި އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުންވެސް އޮންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މީގެ އިތުރުން، ޑިރެކްޓަރުންގެ ބޯޑުގެ ހުށަހެޅުމާ އެއްގޮތަށް ބޯނަސް ހިއްސާދޫކުރަނ،ް ބޭންކުގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުން އޮންނާނެ ކަމަށްވެސް އެ ބޭންކުން މައުލޫމާތުދެއެވެ.

2025ވަނަ އަހަރު ބީއެމްއެލުން ބޭއްވި އަހަރީ އާންމު ޖަލްސާގައި 2024ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ބަހައިފައިވެއެވެ.