މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް މާރކެޓިން ހަރަކާތްތައް އިތުރުކޮށް ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ވަޒީރުންގެ ފެންވަރުގައި ސަރުކާރުން އެކުލަވާލާފައިވާ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި، ހަނގުރާމައާއި ގުޅިގެން އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އޭގެތެރެއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއި ގުޅިގެން އެކަން ފޫބެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ޠާރިޤު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ހާލަތާއި ގުޅިގެން މިހާތަނަށް ފަތުރުވެރިކަމުގެ ދައިރާއިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބުކިން ކެންސެލޭޝަންތައް އަންނަމުން ދަނީ ހިނގަމުންދާ މާރިޗު އަދި އޭޕްރީލް މަހަށް ކަމަށެވެ. ނަމަވެސް އޭގެ ފަހަށް ބަލާއިރު ބުކިންތައް އިތުރުވަމުންދާ ކަމަށް ދައްކާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން މި ދެމަހު ދަށްވާ ދަށްވުން ފޫބެއްދުމަށް ފަތުރުވެރިކަމުގެ ސިނާޢަތުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ދެމަހު އަންނަ ޑިޕް ހަރުދަނާ ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަން އިންޑިސްޓްރިއާއެކު. އޭގެ ތެރެއިން އެއް ފުރަސަތަކީ ވަރަށްގިނަ ރިސޯޓުތަކުން އިތުރު ޗާޖަކާއި ނުލައި ރީބުކް ކުރުމުގެ ފުރުސަތު ދިނުން. އޭގެ ސަބަބުން ވަރަށް ގިނަ ފަތުރުވެރިން އެއްކޮށް ކެންސަލް ނުކޮށް ރީބުކް ކުރަމުން އެބަދޭ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ކެންސެލޭޝަންތައް މަދުކުރުމަށް ސިނާޢަތުން ކުރަމުންދާ މަސައްކަތުގެ އިތުރަށް ސަރުކާރުންވެސް، ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑު މާކެޓްތަކަށް އިސްކަން ދީގެން ޕްރޮމޯޝަނަލް ހަރަކާތްތަތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން އެމްބަސީތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.
"ބައެއް ޤައުމުތަކުގެ އެމްބަސީތަކާވެސް ގުޅިގެން މާކެޓިން އަށް އިތުރަށް ފޯކަސްކޮށްގެން މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ މިއަންނަ މަހު ކުރީކޮޅުން ފެށިގެން އަޅުގަނޑުމެން ވަރަށް ބޮޑު މާކެޓިން އެފޯޓްތަކެއް ލާނަން އިންޑިއާ އަށާއި ޗައިނާއަށާއި، ރަޝިއާއަށް." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު މެދުއިރުމަތީގައި ހަނގުރާމަ ފެށުމާއިއެކު ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އައުމަށް ޓްރާންސިޓްވާ މެދުއިރުމަތީގެ ވައިގެ ސަރަހައްދު ވަނީ ބަންދުވެފައެވެ. މިއާއެކު މި ސަރަހައްދުން އަންނަ ފްލައިޓްތައް ކެންސަލް އެކަމުގެ އަސަރު ރާއްޖެއަށް ވަނީ ކޮށްފައެވެ. ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިން 30 އިންސައްތަ ރާއްޖެ އަންނަނީ މެދުއިރުމަތީ މަގުންނެވެ. އެއީ ދުވާލަކަށް ބަލާނަމަ 3000 އެއް ހައި ފަތުރުވެރިން ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.