ޚަބަރު

މުންޑޫއަކީ ފަޅުރަށެއް ކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލް ކޮށްފި


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހައްދުންމަތީ މުންޑުއަކީ، މީހުން ދިރިނޫޅޭ ރަށެއްކަމުގައި ކަނޑައެޅުއްވި ކަނޑައެޅުއްވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލުކުރައްވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލް އިންތިޚާބުކުރަންޖެހޭ ރަށްރަށް ކަނޑައެޅުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ، އެހެން ރަށްރަށަށް މީހުން ބަދަލުކޮށްފައިވާ އެހެންނަމަވެސް، ޤާނޫނީ ގޮތުން މީހުން ދިރިނޫޅޭ ރަށްތައް ކަމަށް ކަނޑައަޅުއްވާފައި ނުވާ ރަށްރަށުގެ މަޢުލޫމާތު ހޯއްދެވިއިރު، ހައްދުންމަތީ މުންޑުއަކީ އެފަދަ ރަށެއްކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާ ބޭސްގައި ހިމެނިފައިވާކަމަށް އެ ޑިޕާޓްމަންޓުން ރައީސުލްޖުމްހޫރިއްޔާގެ މިއޮފީހަށް މަޢުލޫމާތު އަރުވާފައިވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. އަދި މިފަދަ ކަންކަމުގައި ގެންގުޅޭ އިޖުރާއީ އުޞޫލުތަކުގެ ތެރެއިން، މި މަޢުލޫމާތު ދެވަނަ ފަހަރަށް ޗެކްކުރެވުނުއިރުވެސް، ހައްދުންމަތީ މުންޑުއަކީ، މީހުން ދިރިނޫޅޭ ރަށެއްކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ފަހުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މަޢުލޫމާތު އަރުވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް، މި ޤަރާރު ނެރުއްވި ފަހުން، ލިބުނު ޝަކުވާތަކާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުގައި ސުވާލުކުރައްވައިގެން، އެ ޑިޕާޓްމަންޓުގެ ޑޭޓާ ބޭސްގައި ހުރި މަޢުލޫމާތު އަލުން ޗެކްކުރެއްވިއިރު، ހައްދުންމަތީ މުންޑުއަކީ، އެހެން ރަށްރަށަށް މީހުން ބަދަލުކޮށް ނިމިފައިވާ ރަށެއްކަމުގައި އެ ޑިޕާޓްމަންޓުގެ ޑޭޓާ ބޭސްގައި ބެލިފައިވަނީ އޮޅުމަކުން ކަމުގައި އެ ޑިޕާޓްމަންޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މަޢުލޫމާތު ދެއްވުމާ ގުޅިގެން ހައްދުންމަތީ މުންޑުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލުކުރެއްވީކަމަށްވެސް މި ބަޔާނުގައިވެއެވެ.

މި މައްސަލައިގައި ކަން ހިނގައިދިޔަގޮތާމެދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައްދުންމަތީ މުންޑޫގެ ރައްޔިތުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތެއް ބައްލަވައި، މި ފަދަ ކަންތައްތައް ތަކުރާރު ވިޔަނުދެއްވުމަށްޓަކައި، މިކަމުގައި އަޅުއްވަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުއްވުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަސްޖިޓްރޭޝަނަށް އަންގަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.