ޚަބަރު

އަޝްފާގު އެނބުރި ޤައުމީ ޓީމަށް


  • އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ގައި

  • ނިއު އިން ބުނީ އަޝްފާގާއެކު ގައުމީ ޓީމަށް ކާމިޔާބީތައް ލިބޭނެކަމަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސްޓްރައިކަރު އަލީ އަޝްފާގް (ދަގަނޑޭ) އާއި އެކު ގައުމީ ޓީމު އަލުން އެކުލަވާލައިފިއެވެ.

3 އަހަރަށްފަހު ގައުމީ ޓީމަށް އަލުން އަޝްފާގު ނަގާފައިވާއިރު، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމުން) ވަނީ އަޝްފާގު ގައުމީ ޓީމަށް ރިލީޒް ކޮށްދިނުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި އެދިފައެވެ. ނިއު އިން ބުނީ އަޝްފާގުގެ ތަޖުރިބާއާއިއެކު ގައުމީ ޓީމަށް އިތުރު ކާމިޔާބީތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަޝްފާގަކީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު، އޭނާގެ ހުނަރާއި ދަނޑުމަތީގައި ދައްކާ ހިތްވަރަކީ މުޅި ގައުމު ފަހުރުވެރިވާ ކަންކަން. ގައުމީ ޓީމަށް އޭނާ އެނބުރި އައުމަކީ ޓީމުގެ ރޫހު ވަރުގަދަވެ ޒުވާން ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް" ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި އަޝްފާގު ހިމަނާފައިވާއިރު މި ފަހުން އޭނާވަނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.

ޓިމޯ ލެސްޓޭ އާއި ދެކޮޅަށް ނިކުންނަ މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށާފައިވާއިރު އަޝްފާގު ވަނީ އެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ޓިމޯ ލެސްޓޭއާއި ދެކޮޅަށް ނިކުންނާނީ މިމަހުގެ 31 ގައެވެ. އެ މެޗު އޮންނާނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.

އަޝްފާގު އެނބުރި ރަސްމީ ފުޓްބޯޅައިގެ ތެރެއަށް އައީ މިސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގުޅި ބައެއް މެޗުތަކުގައި އޭނާވަނީ ކުޅެފައެވެ.

އަނިޔާގެ ސަބަބުން ފާއިތު ދެ އަހަރު އަޝްފާގު ވަނީ ކަކުލުގެ ދެ އޮފަރޭޝަނެއްވެސް ކޮށްފައެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު މާޗް މަހު ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ކުޅުނީ ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައެވެ.

އަޝްފާގަކީ ސަރަހައްދީ ގައުމުތަކުން އެންމެ ޖެހިލުންވާ ރާއްޖޭގެ ސްޓްރައިކަރެވެ.