ސްޕެނިޝް ލަލީގާގައި އެލްޗޭގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން ރެއާލް މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް ރެއާލް ވަރުގަދަކޮށް ފެނިގެންދިޔަ ނަމަވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އެލްޗޭއިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ރެއާލްއިންނެވެ. 39 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޓަރު އެންޓޯނިއޯ ރުޑިގާއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަލްވާޑޭ ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. 44 ވަނަ މިނެޓުގައި، މި ލަނޑު އޭނާ ކާމިޔާބުކުރީ ޑީއޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ހަމަލާއަކުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ދެވަނަ ހާފު ފަށައިގެން ވެސް މާ ގިނައިރުތަކެއް ނުވެ ރެއާލް އިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އުމުރުން އެންމެ 18 އަހަރުގެ ޑެނިއެލް ޔަނޭޒް ނަގައިދިން މޮޅު ހުރަހެއްގައި، މުޅިން ހުސްކޮށް އޭރިއާ ތެރޭހުރެފައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑީން ހައިޒަން އެވެ.
އެލްޗޭއިން މެޗުގައި ލަނޑެއް ކާމިޔާބުކުރީ 85 ވަނަ މިނެޓުގައެވެ. މިއީ ރެއާލްގެ މެނުއެލް އަންހެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ފެނުނީ މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް، ރެއާލްގެ ތުރުކީ ތަރި، އަރްދާ ގުލާ ޖަހައިދިން ހިތްގައިމު ލަނޑެވެ. އެލްޗޭގެ ކީޕަރު ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހި ހުރި ވަގުތުގެ ފައިދާ ނަގައި، އަމިއްލަ ހާފުގައި ހުރެފައި ގުލާ ފޮނުވާލި ބާރު ހަމަލާ ގޮސް ވަނީ ގޯލުގެ ތެރެއަށެވެ. ބޯޅަ ހުއްޓުވަން އެލްޗޭގެ ކީޕަރެއް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
މި ނަތީޖާއާއެކު މެޗުން ރެއާލް މޮޅުވިއިރު ރެއާލް އަށް ލީގު ތާވަލުގައި، 28 މެޗުން 66 ޕޮއިންޓާއެކު ލިބެނީ ދެވަނައެވެ. ވާދަވެރި ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ އިތުރަށް އެއް މެޗު ކުޅެ، އެއް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.