ޚަބަރު

"ޒުވާން ޓީމަށް ވީހާވެސް ގިނަ ސަޕޯޓަރުންގެ ތަރުހީބު ބޭނުން"


  • ސާފް ޗެމްޕިއަންޝިޕް އޮންނާނީ މިމަހުގެ 23 އިން 3 އޭޕްރީލަށް

  • ކާމިޔާބު ނެރުނު ކޮންމެ ފަހަރެއްގައި ޓީމާއެކު ތިބީ ސަޕޯޓަރުން

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމަށް ހިތްވަރު ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ސަޕޯޓުކޮށްދިނުމަށް، ރާއްޖޭގެ ކުރީގެ ގައުމީ ކީޕަރު އިމްރާން މުޙައްމަދު (އިންމަ) އެދިއްޖެއެވެ.

ޕީއެސްއެމް އަށް ދިން އިންޓަރވިއުއެއްގައި ޒުވާން ޓީމުގެ ގޯލު ކީޕަރުން ތަމްރީނުކުރުމުގައިވެސް އިސް ދައުރެއް އަދާކުރާ އިމްރާން ބުނީ ގަލޮޅު ދަނޑުގައި ކާމިޔާބު ނެރުނު ކޮންމެ ފަހަރެއްގައިވެސް ކުޅުންތެރިންގެ ފަހަތުގައި ތިބީ ސަޕޯޓަރުން ކަމަށެވެ. އެހެންކަމުން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެހާ ސަޕޯޓަރުންގެ އެހީއާއިއެކު އިރާދަކުރެއްވިއްޔާ މުބަރާތުގެ ތަށި ރާއްޖޭގައި ބެހެއްޓޭނެ ކަމަށް އިމްރާން ބުންޏެވެ.

އަދި މި މުބާރާތް އަމިއްލަ ގައުމުގައި ކުޅެން ލިބިފައިވާ، މި ފުރުސަތުގައި އެންމެހާ ސަޕޯޓަރުންގެ އެހީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް އިމްރާން ބުންޏެވެ.

"އެހެންވީމަ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ސަޕޯޓުކޮށްދިނުމަކީ ފުޓުބޯޅައަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އެދޭ އެދުމެއް" އިމްރާން ބުންޏެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. މި މުބާރާތް އޮންނާނީ މިމަހު 23-03 އޭޕްރީލަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ޒުވާން ޓީމުން ވަނީ މިމަހުގެ 7-11 އަށް ސިންގަޕޫރުގައި ޓްރޭނިންގ ކޭމްޕެއް ބާއްވާފައެވެ. އެ ކޭމްޕުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ލިބިގެން ދިޔައިރު ރާއްޖޭގެ ކުޅުންތެރިން އަޒުމަކީ މުބާރާތުގެ ތަށި ހޯދުމެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައި، ސްރީލަންކާއާއި ނޭޕާލް އަދި ބޫޓާނާއެކުގައެވެ. ގްރޫޕް ބީގައި ހިމެނޭނީ، އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި މުބާރާތުގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ އިންޑިއާ އަދި ޕާކިސްތާނެވެ.

ރާއްޖެ ފުރަތަމަ ނިކުންނާނީ މުބާރާތް ހުޅުވާ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ސްރީލަންކާއާ ދެކޮޅަށެވެ. ހޯމަ ދުވަހު ހަވީރު ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލްއާއި ބޫޓާނެވެ. ރާއްޖެއިން ދެވަނަ މެޗު ކުޅޭނީ 25 ވަނަ ދުވަހުގެރޭ، ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނިކުންނާނެއެވެ.