ތަރައްްޤީ

ކައުންޓަރ ޓެރަރިޒަމް ސެމިނާރގައި 25 ޤައުމަކުން ބައިވެރިވާނެ


ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އިސްނަންގަވައިގެން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެވަޑައިގަންނަވާ ބައިނަލްއަޤްވާމީ ކައުންޓަރ ޓެރަރިޒަމް ސެމިނާރގައި ދުނިޔޭގެ 25 ޤައުމަކުން ބައިވެރިވާނެކަމަށް އެސެންޓަރުން ހާމަކުރައްވައިފިއެވެ. މިސެމިނާރގައި އދ.ގެ މަންދޫބުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަކުން ބައިވެރިވާނެކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހާމަކުރައްވައެވެ.

ދިވެހި ސަރުކާރުން އިސްނަންގަވައިގެން ބޭއްވެވުމަށް ތައްޔާރުވެވަޑައިގަންނަވާ ކައުންޓަރ ޓެރަރިޒަމާއި ވައިލެންޓް އެކްސްޓްރީމިޒަމްއާބެހޭ ބައިނަލްއަޤްވާމީ ސެމިނާރއަކީ ދިވެހިރާއްޖެއިން ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތަޖްރިބާ ޙިއްޞާކުރެއްވުމަށް ބާއްވަވާ ބައްދަލުވުމެއްކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވެއެވެ.

މި ސެމިނާރގެ ތެރޭގައި ރާއްޖޭގައި ޓޫރިސްޓުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމާއި، ޓެރަރިޒަމްގެ ނުރައްކާތަކުން ޓޫރިޒަމްގެ ސިނާޢަތް ރައްކާތެރިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އޮކްޓޫބަރު މަހުގެ 25 ން 27 އަށް ބޭއްވެވުމަށް ހަމަޖެހިފައިވާ ކައުންޓަރ ޓެރަރިޒަމް ސެމިނާރ ކުރިއަށްގެންދަވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މަޓީއާއި އެހެންނިހެން ޖަމްޢިއްޔާތަކާ ގުޅިވަޑައިގެންކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހާމަކުރައްވައެވެ.

ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި އެސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޖަކަރިއްޔާ މަންސޫރު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމަށް މިސެމިނާރ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ތަޖުރިބާކާރު ޓީމްތަކުގެ ބޭފުޅުން ބައިވެރިވެ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

"25 ޤައުމެއްގެ މަންދޫބުން ބައިވެރިވާނެ.. އެގޮތުން މިސާލަކަށް އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގައި އަޅުގަނޑުމެން މިއެދެނީ އެތާނގެ ޓޫރިޒަމް ސެކްޓަރ ސަލާމަތް ކުރުމަށްޓަކައި ކިހިނެއްތޯ މަސައްކަތްކުރެވެކީ.. މިއާއެކު ތަފާތު އެކި ޤައުމުތަކުން ކޮށްފައި ހުރި ތަޖުރިބާ އަޅުގަނޑުމެންނާ ޙިއްޞާކުރާނެ. މިސެމިނާރގެ ތެރެއިން މިކަމުގައި އެހެން ޤައުމުތަކާއެކު މަސައްކަތްކުރުމަށް އުޞޫލުތަކެއް ކަނޑައެޅިގެންދާނެ." ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

ދިވެހިރާއްޖެ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްކުރުމަށް ސަރަޙައްދީ ޤައުމުތަކާއި، ދުނިޔޭގެ އަސްކަރީ ބޮޑެތި ބާރުތަކާ ގުޅިގެން ރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓެރަރިޒަމްގެ ޢަމަލުތަކަށް އެންމެ ބޮޑަށް މަގުފަހިވާ ކަންކަން ކަމުގައިވާ ހައްދުފަހަނައަޅައި ދިއުމާއި ހަރުކަށި ޚިޔާލުތައް ގެންގުޅޭ މީހުން ދެނެގަނެ، ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމާ ދެކޮޅަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ ބައެއް ސިޔާސަތުގެ ތެރޭގައި، ރާއްޖެއަކީ ޓެރަރިޒަމާއި، ހައްދުފަހަނަޅައިދިޔުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން އިސްނެގުމާއެކު ޙަރަކާތްތެރިވާ ޤައުމެއްގެ ގޮތުގައި ހެއްދެވުމާއި، ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް އެކުލަވައިލައްވައި، ޢަމަލުކުރައްވަން ފެއްޓެވުން ހިމެނެއެވެ.