މެންޗަސްޓަރ ޔުނައިޓެޑުން ކުޅޭ މެޗުތަކުގައި، ކަސެމީރޯއާއި ބްރޫނޯ ފެރްނާންޑޭޒްއާ ދެމެޗު އޮތް ގުޅުމަކީ، މުޅިން އެހެން ފެންވަރެއްގެ ގުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު، މައިކަލް ކެރިކް ބުނެފިއެވެ.
ޕްރިމިއަރ ލީގުގައި އެސްޓަންވިލާގެ މައްޗަށް 1-3 އިން ކުރިހޯދި މެޗަށްފަހު ވާހަކަދައްކަމުން ކެރިކް ވަނީ މި ދެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ފަހަކަށް އައިސް ޔުނައިޓެޑުން ނެރެމުން އަންނަ ނަތީޖާތަކުގެ ފަހަތުގައި، މި ދެ ކުޅުންތެރިން ގުޅިގެން ކުރާ މަސައްކަތަކީ ބޮޑު ހިއްސާދާރެއްކަމަށް ކެރިކް ބުންޏެވެ.
މި ދެ ކުޅުންތެރިންގެ ދެމެދުގައި އޮތް ގުޅުމަކީ، ކޯޗަކަށް އިރުޝާދުދީގެން އުފެއްދޭވަރުގެ ގުޅުމެއް ނޫން ކަމަށާއި، އެއީ އެ ދެ ކުޅުންތެރިން އެކުގައި ހޭދަކުރި ދުވަސްތަކާއި، ކުރި ފަރިތަކުރުންތަކާއި، އޮތް ގާތްގުޅުމުގެ ސަބަބުން އުފެދިފައިވާ ގުޅުމެއްކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާ، ދަނޑުމަތިން ޔުނައިޓެޑަށް ވަރަށް ފުރިހަމައަށް ލިބެމުންދާކަމަށް ވެސް ކެރިކް ބުނެފައިވެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޔުނައިޓެޑުން އެސްޓަންވިލާ އަތުން ހޯދި މޮޅުގައި، އެ ޓީމުގެ ފުރަތަމަ ލަނޑަކީ މި ދެ ކުޅުންތެރިންގެ ހިއްސާއާއެކު ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ކަސެމީރޯ މި ލަނޑު ޖަހާފައި ވަނީ، ބްރޫނޯ ފެރްނާންޑޭޒް ނަގައިދިން ކޯނަރެއްގައި، ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެސްޓަންވިލާ އަތުން ހޯދި މޮޅާއެކު ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 30 މެޗުން 54 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި އެސްޓަން ވިލާއަށް 30 މެޗުން ލިބެނީ 51 ޕޮއިންޓެވެ.