ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އެތްލެޓިކޯ މެޑްރިޑްގެ އިތުރުން ބަޔާން މިއުނިކް ހޯދައިފި އެވެ.
އެތްލެޓިކޯ މެޑްރިޑް އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އެތްލެޓިކޯ ބަލިވި ނަމަވެސް 5-7 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ލިބިގެންނެވެ. ބަޔާން މިއުނިކް އިން ވަނީ އިޓަލީގެ އެޓްލާންޓާ 4-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ރޭ ކުޅުނު ދެވަނަ ލެގަށް ދެ ޓީމު ނިކުތްއިރު 5-2 ގެ ނަތީޖާއަކުން އެތްލެޓިކޯ ވަނީ ފުރަތަމަ ލެގު ކާމިޔާބުކޮށްފަ އެވެ.
ޓޮޓްނަމްގެ ކޯޗު އިގޯ ޓޫޑޯގެ އިރުޝާދުގެ ދަށުން އެ ކްލަބް މޮޅުވި ފުރަތަމަ މެޗުގައި ޓޮޓްނަމް އިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 30 ވަނަ މިނިޓުގައި ރެންޑަލް ކޯލޯ މުއާނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެތްލެޓިކޯ މެޑްރިޑްގެ ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގެ 52 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޒަވީ ސައިމަންސް ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް މެޗުގެ 75 ވަނަ މިނިޓުގައި އެތްލެޓިކޯގެ ޑޭވިޑް ހެންކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ މި މެޗުން މޮޅުވި ލަނޑު މެޗުގެ ފަހު މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ޒަވީ ސައިމަންސް އެވެ.
ޖަރުމަނުގެ ބަޔާން މިއުނިކް އިން ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ އެޓްލަންޓާ އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުމްލަ 10-2 ގެ އެގްރިގޭޓް ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހެރީ ކޭން އެވެ. މި މެޗުގައި އޭނާ ޖެހި ދެ ލަނޑާއެކު ޗެމްޕިއަންސް ލީގުގައި ހެރީ ކޭން ޖެހި ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފަ އެވެ.
މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި އަނެއް ދެ ލަނޑަކީ ޒުވާން ކުޅުންތެރިޔާ ލެނާޓް ކާރލްގެ އިތުރުން ލިވަޕޫލްގެ ކުރީގެ ފޯވަޑް ލުއިސް ޑިއާޒް ކާމިޔާބުކޮށްދިން ދެ ލަނޑެވެ. އެޓްލާންޓާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 85 ވަނަ މިނިޓުގައި ލަޒާ ސަމަޒިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބަޔާން މިއުނިކް ނިކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ދެކޮޅަށެވެ.