ކުޅިވަރު

ތަށި ހަވާލެއް ނުކުރާނަން، ދާނީ ކާސް އަށް: ސެނެގާލް


އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ މޮރޮކޯ ކަމަށް އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން ނިންމުމުން އެކަން ބަލައި ނުގަނެ ކާސް އަށް ދާން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެނެގާލްއިން ނިންމައިފި އެވެ.

އެ ގައުމުން ބުނީ ފައިނަލް މެޗުގައި މޮރޮކޯ ބަލިކޮށް، ތަށި އުފުލާލިތާ ދެ މަސް ފަހުން ޗެމްޕިއަންކަން އަތުލަން ނިންމި ނަމަވެސް މުބާރާތުގެ ތަށި އެފްރިކާގެ ފުޓްބޯޅަ ޖަމާއަތާ ހަވާލު ނުކުރާނެ ކަމަށެވެ. އަދި މި ނިންމުމަކީ ކޮރަޕްޝަން އެކުލެލޭ ނިންމުމެއް ކަމަށާއި މިކަމުގެ ސަބަބުން ގެއްލިގެންދާނީ އެފްރިކާގެ ފުޓްބޯޅައިގެ އަގު ކަމަށެވެ.

އެފްރިކާގެ ފުޓްބޯޅަ ޖަމާއަތުން މި ގޮތަށް ނިންމީ ސެނެގާލްގެ މައްސަލަ މޮރޮކޯއިން ޖެއްސުމުންނެވެ. އެ ގައުމުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މެޗު ކުޅެން ދެކޮޅު ހަދައި ސެނެގާލް ދަނޑުން ފައިބައިގެން ދިއުމަކީ މުބާރާތުގެ ގަވާއިދާ ހިލާފުވުން ކަމަށެވެ. މި މައްސަލަ ބެލުމަށްފަހު އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން ވެސް ބުނީ މުބާރާތުގެ ގަވާއިދުގައި މެޗު ކުޅެން ދެކޮޅު ހަދައިފިނަމަ އެއީ ގަވާއިދާ ހިލާފުވުން ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ސެނަގާލްއިން ނިންމުން ބަލައިގެންފައި ނުވާއިރު މޮރޮކޯގައި އެ ގައުމާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ބައްލަވަން ދަނޑަށް ވަޑައިގެން އިންނެވި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މެޗު ނިމުނުތާ 38 ގަޑިއިރު ފަހުން ސެނެގާލް އަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ފެނިގެންދިޔައީ ވަރަށް ހުތުރު މަންޒަރެއް. އަހަރެން އުއްމީދު ކުރަނީ މިކަން ރަނގަޅަށް ބެލުމަށްފަހު އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން މިކަމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅެއް އަޅާނެ ކަމަށް،" އިންފަންޓީނޯ ވިދާޅުވި އެވެ.

މި މެޗުގެ އިތުރު ވަގުތުގައި މެޗު ފުރިހަމަ ކުރަން ދެކޮޅު ހަދައި ސެނަގާލް ޓީމު ދަނޑުން ފޭބި އެވެ. އެއީ އެ މީހުން ޖެހި ގޯލެއް ބަލައި ނުގަނެ އިތުރު ވަގުތުގައި ރެފްރީ މޮރޮކޯ އަށް ޕެނަލްޓީ އެއް ދިނުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އެނބުރި ސެނެގާލް ދަނޑަށް ނުކުތީ ގާތްގަނޑަކަށް 18 މިނިޓަށް ފަހު އެވެ.

އިންފަންޓީނޯ ބުނީ ރެފްރީންގެ ނިންމުންތަކަށް ކޮންމެ ބަޔަކު ވެސް ފުރިހަމަ އަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ސެނެގާލް ކުރި އަމަލަކީ ފުޓްބޯޅައިގައި މީގެ ފަހުން އެހެން ބަޔަކަށް އެކަން ކުރަން ފުރުސަތު ލިބޭނެ ފަދަ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

މި މެޗުގެ މައްސަލަ މޮރޮކޯއިން މިހާރު ވަނީ ރަސްމީކޮށް އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ އާއި ފީފާ އަށް ލިޔެފަ އެވެ. އެ މީހުން އެދުނީ ސެނެގާލް ކާމިޔާބު ކުރި ތަށި އަތުލައި އެ ގައުމަށް އެކަށީގެންވާ އަދަބެއް ދިނުމަށެވެ.

ސެނެގާލް ޓީމު ދަނޑުން ބޭލީ ކޯޗު ޕާޕާ ތިއޯ އެވެ. އޭނާ ވަނީ ފަހުން އެކަމަށް މައާފަށް އެދިފަ އެވެ. އަދި ބުނީ ރެފްރީންނަށް ވެސް ގޮސް ހެދޭ ކަމަށާއި އޭނާ އެގޮތަށް އަމަލު ކުރީ ޖަޒުބާތުގައި ކަމަށެވެ.