މާފަންނުގައި ހުރި ޕްރައިމް ގޯޑައުންގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައެވެ. މިއީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ތަނެކެވެ. އަދި ޠައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރިކަޒުގެ ކައިރީގައި ހުރި ގުދަނެއްގައެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ ރޭގަނޑު 11:00 ޖަހައިކަށްހާއިރުއެވެ.
މި ހާދިސާއާއި ގުޅިގެން ސޯޝަލް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ޤާއިމުކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން އެންމެފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާއާޢި ގުޅިގެން ރޭގެ ދަންވަރު 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ވަނީ ރަޖިސްޓްރީވެފައެވެ. މި 15 ގެއިން މީހުން ހުސް ކުރަން ޖެހުނީ ބޯދުމުގެ ސަބަބުންނެވެ. މި ގެތަކުން ރެޖިސްޓްރީވީ މީހުންގެ ތެރޭގައި 69 އަންހެނުންނާއި 385 ފިރިހެނުން ހިމެނެއެވެ. މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީން ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
އިވެކުއޭޝަން ސެންޓަރުގައި ރެޖިސްޓްރީވި މީހުންގެ ތެރެއިން 10 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރެއިން ބައެއް އައިލާތަކުން ބައެއް އާއިލާތަކުން ވަގުތީ ގޮތުން، އާއިލީ ގޭގެއަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އަދި 280 ބިދޭސީންނާއި ވެރިފަރާތުން ހަވާލުވެފައިވާއިރު، 20 ބިދޭސީންނަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. މީގެ އިތުރުން ދުމުގެ އަސަރުކޮށްގެން 7 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެންޑީއެމްއޭއިން ދިން އަދާހަމަތަކުން އެނގެއެވެ. އެންޑީއެމްއޭއިން ވަނީ މި ހުރިހާ އެންމެންގެ ހާލުވެސް ސްޓޭބަލް ކަމަށް ވިދާޅުވެފައެވެ.
ގުަދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެއެއަރޕޯޓު ފަޔަރ ހަރަކާތްތެރިވެފައިވެއެވެ. އަދި އަލިފާން ކޮންޓްރޯލްކުރެވިފައިވާއިރު، މިހާރު އެންޑީއެމްއޭއިން ސޯޝަލް ސެންޓަރުގައި ހުޅުވި އިވެކުއޭޝަން ސެންޓަރު ވަނީ ބަންދުކޮށްފައެވެ. އަދި އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ނަމަ، އެންޑީއެމްއޭގެ ހޮޓްލައިން 115 އަށް ގުޅުއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވި ގުދަނަކީ ކެމިކަލް ރައްކާކުރުމަށް ބޭނުންކުރަމުންދިޔަ ގުދަނެކެވެ. މިޙާދިސާގައި ގުދަން ބޭނުންނުކުރޭވަރަށް ހަލާކުވެފައިވާއިރު، އެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.