ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާ އާއި އިންޓަރ މިއާމީގެ ކެޕްޓަން ލިއޮނެލް މެސީ، އޭނާގެ ކެރިއަރުގެ 900 ލަނޑު ޖަހައި، ފުޓުބޯޅައިގެ ތާރީޚުގައި ވެސް 900 ލަނޑު ހަމަކުރި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ.
މި ތާރީޚީ ޝަރަފު މެސީ ހޯދީ، ކޮންކާކަފް ޗެމްޕިއަންސް ކަޕުގެ ގަދަ 16 ގެ ދެވަނަ ލެގުގައި، ނޭޝްވިލް އެސްސީ ކޮޅަށް ޖެހި ލަނޑާއެކުއެވެ.
އުމުރުން 38 އަހަރުގެ މެސީ، 2023 ވަނަ އަހަރުގެ ޖޫން މަހު އިންޓަރ މިއާމީއާ ގުޅުނު ފަހުން އެ ޓީމުގެ ޖާޒީގައި ކުޅުނު 92 މެޗުން 81 ލަނޑު ވަނީ ކާމިޔާބުކޮށްދީފައެވެ.
އުމުރުން އެންމެ 17 އަހަރާއި 10 މަހާއި ހަތް ދުވަހުގައި ސްޕެއިންގެ ގަދަ ބާރު ބާސެލޯނާގެ ޖާޒީގައި ޖެހި ލަނޑާއެކު، ބާސާއަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދި މެސީ ވަނީ އެ ޓީމަށް ކުޅެދިން 778 މެޗުން 672 ލަނޑު ޖަހައިދީފައެވެ. ބާސާގެ ބީ ޓީމުގައި ވެސް މެސީ ވަނީ ހަ ލަނޑު ޖަހާފައެވެ
21 އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވިއިރު، އެ ކުލަބަށް ކުޅެދިން 75 މެޗުން 32 ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ.
އާޖެންޓީނާގެ ޤައުމީ ޓީމަށް 3 ވަނަ ވޯލްޑް ކަޕް ޓްރޮފީ ހޯދައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި މެސީ ވަނީ ޤައުމީ ޓީމަށް ވެސް 115 ލަނޑު ޖަހައިދީފައެވެ.
މެސީ ލަނޑު ޖަހާފައިވަ ބައެއް ގޮތްގޮތަށް ބަލާލާއިރު، އޭނާ 755 ލަނޑު ކާމިޔާބުކުރީ ވައަތު ފައިންނެވެ. އަދި 111 ލަނޑު ކަނާއަތު ފައިން ކާމިޔާބުކޮށްދީފައިވާއިރު ބޮލުން 30 ލަނޑު ވެސް ޖަހައިދީފައިވެއެވެ. "އެހެނިހެން" ގޮތްގޮތަށް ހަތަރު ލަނޑު ވެސް މެސީ ޖަހާފައިވެއެވެ.
މި ލަނޑުތަކުގެ ތެރެއިން 112 ލަނޑު ޕެނަލްޓީން އޭނާ ކާމިޔާބުކޮށްފައިވާއިރު 70 ލަނޑު ޖަހާފައި ވަނީ ފްރީކިކުންނެވެ.
ކެރިއަރުގައި މެސީ އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ސެވިއާ އާ ދެކޮޅަށެވެ. އެއީ 25 ލަނޑެވެ. އެތުލެޓިކް ކުލަބާ ދެކޮޅަށް 24 ލަނޑު، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް 23 ލަނޑު މެސީ ޖަހާފައިވާއިރު ވެލެންސިއާ އާ ދެކޮޅަށް 18 ލަނޑު އޭނާ ޖަހާފައިވެއެވެ.
މީގެއިތުރުން، ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް، 17 ލަނޑު މެސީ ޖަހާފައިވެއެވެ.
ކެރިއަރުގައި މެސީ 900 ލަނޑު ޖަހައި ތާރީޚީ ޝަރަފެއް ހޯދާފައިވާއިރު، މި ތާރީޚީ ޝަރަފު އެންމެ ފުރަތަމަ ހޯދީ މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ 900 ލަނޑު ހަމަކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ޕޯޗުގަލް އިން ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗެެއްގައި ޖެހި ލަނޑުންނެވެ. ރޮނާލްޑޯ ވަނީ މިހާރު ޖުމްލަ 965 ލަނޑު ޖަހާފައެވެ.
1000 ލަނޑު ޖަހާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދަން ރޮނާލްޑޯއަށް ދެން ބޭނުންވަނީ އެންމެ 35 ލަނޑެވެ.
ފުޓުބޯޅަ ލެޖެންޑު، ބްރެޒިލްގެ ޕެލޭ ވެސް ވަނީ އޭނާ ކެރިއަރުގައި 1000 އަށްވުރެ ގިނަ ލަނޑު ޖަހާފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ފުޓުބޯޅައިގެ ތަފާސްހިސާބުތައް ބަލަހައްޓާ އާރުއެސްއެސްއެސްއެފް އިން ބުނާ ގޮތުގައި ކެރިއަރުގައި ޕެލޭ ޖަހާފައި ވަނީ 778 ލަނޑެވެ.