ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބޮއިކޮޓް ނުކުރާނެ ކަމަށާއި ބޮއިކޮޓް ކުރާނީ އެ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ ކަމަށް އިރާނުން ބުނެފި އެވެ.
އޭޝިޔާއިން މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި އެއް ގައުމު ކަމަށްވާ އިރާނުން މިހެން ބުނީ އެމެރިކާ އާއި އިޒްރޭލް ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމަ ފަށައި އެ ގައުމުގެ ލީޑަރުން ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު މަރަމުންދާތީ އެވެ. މިކަމާ ގުޅިގެން އިރާނުން އެންމެ ފަހުން ބުނީ ޖޫން 11 ޖުލައި 19 އަށް އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތް ކުޅެން އެމެރިކާ އަށް ނުދާނެ ކަމަށެވެ. ސަބަބަކީ އަދާވާތްތެރި ގައުމަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުވާ ހާލަތެއްގައި އަދި އަމުދުން ހަނގުރާމަ ހިނގަ ހިނގާ އޮއްވައިދެވެން ނެތުމެވެ. މުބާރާތުގެ ގްރޫޕް ފިޔަވަހީގައި އިރާން ކުޅެން ޖެހޭ ތިން މެޗު ވެސް އޮތީ އެމެރިކާގައެވެ.
އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް އިއްޔެ ވިދާޅުވީ އިރާން ކުޅެން ޖެހޭ މެޗުތައް މެކްސިކޯ އަށް ބަދަލު ކޮށްދިނުމަށް ފީފާއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވެސް ވަނީ އިރާނުގެ މެޗުތައް ބާއްވައިދޭން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފީފާއިން އަދި ވަކި ގޮތެއް ނުނިންމައި ބުނީ މުބާރާތުގެ ޝެޑިއުލާ އެއްގޮތަށް ހުރިހާ ގައުމަކުން ވެސް މެޗުތައް ކުޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"އަހަރުމެން ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން. އަހަރުމެން ބޮއިކޮޓް ކުރާނީ އެމެރިކާ. ގައުމީ ޓީމު އެ ދަނީ ތުރުގައި ކޭމްޕް ކުރަމުން. އަހަރުމެން އެތަނުގައި ދެ މެޗު ކުޅޭނަން،" ތާޖް ވިދާޅުވި އެވެ.
މުބާރާތަށް ތައްޔާރުވުމަށް އިރާނުން މާޗު 27ގައި ނައިޖީރިއާ ދެކޮޅަށް އަދި އޭގެ ހަތަރު ދުވަސް ފަހުން ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭ މި މެޗުތަކުގެ އިތުރުން ޖޯޑަންގައި ބާއްވާ ފޯނޭޝަންސް މުބާރާތެއްގައި ވެސް ކުޅެން ދަނީ މަސައްކަތް ކުރަމުންނެވެ.
އިރާނުގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަ ހުރީ އެކި ދުވަހު އެކި ގޮތަށެވެ. ފުރަތަމަ ވިދާޅުވީ އިރާނަށް މަރުހަބާ ކިޔާނެ ކަމަށެވެ. އޭގެ ދެ ދުވަސް ފަހުން ވިދާޅުވީ އިރާން މުބާރާތް ނުކުޅުނަސް ހެޔޮ ކަމަށެވެ. މިއަށްފަހު ވިދާޅުވީ އިރާނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި އެންމެ ރަނގަޅުވާނީ މުބާރާތް ކުޅެން ނައުން ކަމަށެވެ.
ނަމަވެސް އިރާނުގެ މައްސަލާގައި ފީފާއިން ވެސް މިހާރު ވަނީ ޕްލޭން ބީ އަށް ތައްޔާރުވާން ފަށައިފަ އެވެ. އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ބާއްވާ ފީފާގެ އަހަރީ ބައްދަލުވުމުގައި މިކަމާމެދު ރަސްމީ ގޮތެއް ގޮތެއް ނިންމާނެ އެވެ.