ޚަބަރު

ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް އިތުރު އެއް ދުވަސް


  • މާދަމާ ސޮއިކުރުމުގެ މަސައްކަތެއް ނުކުރާނެ

  • ހޮނިހިރު ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ސޮއިކުރެވޭނެ

އަންނަ މަހު ބާއްވާ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ހުޅުވާލި މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 17ވަނަ ދުވަހުއެވެ. އެ ފުރުޞަތު މިއަދުގެ ނިޔަލަށް ހުޅުވާލި ނަމަވެސް ބުދަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނާ އިންވެގެން ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސްލިސްޓުގައި ސޮއިކުރުން މެދުކަނޑާލިއެވެ.

ވޯޓާސް ލިސްޓުގައި އަލުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފެށީ ހުރިހާ މަސައްކަތެއް ސޯޝަލް ސެންޓަރަށް ބަދަލު ކުރުމަށްފަހު މިއަދު ހެނދުނުއެވެ. އެހެންކަމުން އިތުރު އެއް ދުވަހުގެ މުއްދަތެއް ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނީ މާޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 ގެ ނިޔަލަށް ކަމަށެވެ. އަދި މާދަމާއަކީ ޢީދު ދުވަސް ކަމަށްވާތީ އެ ދުވަހު ސޮއިކުރުން ކުރިއަށް ނުދާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަންޖެހެއެވެ.

އެޕްރީލް މަހުގެ 4 ވަނަ ދުވަހު 3 ވޯޓެއް ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ.