ޚަބަރު

"ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތައް އަމާނާތްތެރިވޭ"


  • ހެޔޮގޮތުގައި ވަގުތު ހޭދަކުރުމަށް ތަކުރާރުކޮށް ހުކުރު ޚުޠުބާގައި ގޮވާލެއްވި

  • ނިޢުމަތްތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށްވެސް ހަނދާންކޮށްދެއްވި

މަސައްކަތްތެރީން އެބައިމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތައް އަމާނާތްތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ" މި މަޢުޟޫއަށެވެ.

މާތްﷲ ދެއްވާ ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ އެއް ނިޢުމަތަކީ ވަގުތުގެ ނިޢުމަތްކަން ހަދާންކޮށްދެއްވާ ހުކުރު ޚުޠުބާގައި ވިދާޅުވީ، އެކަލާނގެ ދެއްވާފައިވާ އަގުބޮޑު ނިޢުމަތްތަކުން މަޙުރޫމުވުމުގެ ކުރިން އެ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފަންޖެހޭކަމަށެވެ.

"ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތާއި ހުސް ވަގުތެވެ." ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ، ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނަން ޖެހޭކަމަށެވެ. އަދި މާތްﷲއަށް ނިޔަތް ޚާލިސްކޮށް، ކިޔަމަންތެރިވުމުގައި ހޭދަކުރަނީ ކިހާ ވަގުތެއްތޯ އަމިއްލައަށް ހިސާބުކުރަންޖެހޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މީގެއިތުރުން، އެކަލާނގެއަށް އުރެދުމުގައި ހަޔާތުން ހޭދަކުރެވެނީ ކިހާ ވަގުތެއްތޯ ދެނެގަނެގަންނަން ޖެހޭކަން ފާހަގަކުރައްވާ ހުކުރު ޚުޠުބާގައި ވަނީ، މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅެއް އިންސާނާގެ ހަޔާތުން މަދުވެ، އޭނާގެ އަޖަލާ ގާތްކުރައްވާކަން ހަނދާންކޮށްދެއްވާފައެވެ.

ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން އިންސާނާ އިންތިހާއަށް ހިތާމަކުރާނެ ދެ ޙާލަތެއް ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، އޭގެތެރެއިން ފުރަތަމަ ހާލަތަކީ މަރު އައިސް އިންސާނާއާ ބައްދަލުކުރާ ޙާލަތްކަމަށެވެ.

"މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރައި ފޮނުއްވާނެ ނަމަ ކޮންފަދަހެއްޔެވެ؟ އެއިރުން ތިމަންމެންގެ ވެރިރަސްކަލާނގެ آيةތައް ދޮގެއް ނުކުރާނޫއެވެ. އަދި އީމާންވީ މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ، ހެޔޮގޮތުގައި ވަގުތު ހޭދަކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި މަސައްކަތްތެރީން އެބައިމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތައް އަމާނާތްތެރިވުމަށް ގޮވާލައްވާފައިވެއެވެ.

މީގެއިތުރުން، ދަރިވަރުންވެސް ތަޢުލީމު ހާސިލްކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ގަދައަޅާ މަސައްކަތްކުރުމަށް ޚުތުބާގައި ގޮވާޅެއްވިއެވެ. އަދި ތަޢުލީމީ ޙަޔާތުގެ ކާމިޔާބުގެ އަލީގައި ދުނިޔެވީ ހަޔާތާއި އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުމަށް އަވަހަށް މަސައްކަތް ފެށުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވާފައިވެއެވެ.