ރާއްޖޭގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ބޫޓާން ޓީމު އައީ ހުރިހާ ގޮތަކުން ވެސް ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އެ ގައުމުން ބުނެފި އެވެ.
ޖަޕާނުގެ ކޯޗު ހިޑެހަރޫ ޓަކަހާޝީ ތައްޔާރު ޓީމަށް މުބާރާތުގައި އިރުޝާދުދޭނެ ކޯޗު ކަރްމާ ދެމާ ބުނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ބޫޓާން ވަނީ ތައްޔާރުވެފައި ކަމަށެވެ. އަދި ޓީމުގައި ގިނައީ 20 އަހަރުން ދަށަށް ބަލާއިރު ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށެވެ.
"މި ފަހަރުގެ ޓީމުގައި ވަރަށް ގިނަ ތަޖުރިބާހުރި ކުޅުންތެރިން. ނަފްސާނީ ގޮތުން ވެސް ޖިސްމާނީ ގޮތުން އަހަރުމެން މިވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި. އަހަރުމެންގެ ތަޖުރިބާކާރު ކުޅުންތެރިން ގިނަ. ޓީމަށް އަލަށް ނެގި ކުޅުންތެރިން މޮޅަށް ކުޅޭނެ ކަމަށް އަހަރުމެން ވަރަށް އުއްމީދު ކުރަން،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ބޫޓާންގެ ޕްރެމިއާ ލީގުގައި މި ޓީމު ވާދަކޮށްފައިވާތީވެ ކުޅުންތެރިންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
"އެއީ އަހަރުމެންނަށް ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް. އޭގެ ސަބަބުން ކުޅުންތެރިންގެ ފެންވަރާއި އެ މީހުންގެ ގުޅުންތެރިންކަން ރަނގަޅު ވެއްޖެ. މުބާރާތެއްގެ ކުރިން ވާދަވެރި މެޗުތައް ލިބުމަކީ ވަރަށް މުހިންމު ކަމެއް. އެކަން އަހަރުމެންނަށް މި ވަނީ ކިތަންމެހާ ވެސް ރަނގަޅަށް ކުރެވިފައި،" ކޯޗު ބުންޏެވެ.
މި މަހުގެ 23 އިން އަންނަ މަހުގެ ތިނަކަށް ގަލޮޅު ދަނޑުގައި ކުޅޭ މުބާރާތުގައި ބޫޓާން ހިމެނެނީ ދިވެހިރާއްޖެ އާއި ނޭޕާލާއި ސްރީލަންކާއާއެކު ގްރޫޕް އޭގަ އެވެ. ބީ ގްރޫޕުގައި ހިމެނެނީ ބަނގްލަދޭޝް އާއި އިންޑިޔާ އާއި ޕާކިސްތާނެވެ. ކޮންމެ ގްރޫޕަކުން ވެސް ސެމީ ފައިނަލަށްދާނީ އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމެވެ.