ކުޅިވަރު

ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި


ތާވަލްގެ ދެވަނައިގައިވާ އީގަލްސް މިއަދު ވިކްޓްރީ އަތުން ބަލިވެ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މާޒިޔާ ހޯދައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބަށް ކަށަވަރުވީ ލީގުގައި މިއަދު އީގަލްސްއާ ވިކްޓްރީ ސްޕޯޓްސް ވާދަކުރި މެޗުން އީގަލްސް ބަލިވުމާ ގުޅިގެންނެވެ. މާޒިޔާއަށް 43 ޕޮއިންޓް ލިބިފައިވާއިރު ލީގުގައި ބާކީ ކޮންމެ ޓީމަކަށްވެސް ތިން މެޗް އެބައޮތެވެ. ކުރިއަށް އޮތް ތިން މެޗް ކާމިޔާބުކޮށްގެންވެސް ދެވަނައިގައިވާ އީގަލްސްއަށް މާޒިޔާއާއި އަރާ ހަމަހަމައެއް ނުކުރެވޭނެއެވެ. 

އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ ލީގު ހޯދިއިރު އެޓީމުން ވަނީ މިއަހަރުގެ ލީގު ހޯދުމަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. އެގޮތުން ޤައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ކެޕްޓަން އަލީ އަޝްފާގު މާޒިޔާއަށް ގެނުވާފައިވަނީ ބޮޑު އަގުގައިކަން ފާހަގަކޮށްލެވެއެވެ. މިއީ މިސީޒަނަށް މާޒިޔާއިން ކަނޑައަޅާފައިވާ ޓާގެޓެވެ. މާޒިޔާއަށް ލީގު ލިބި އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ކޮލިފައިވެފައިވާއިރު މިސީޒަނުގައި ތިން ތަށި ނުހޯދިއްޖެނަމަ މަޤާމުން އިސްތިޢުފާދޭނެ ކަމަށް ކޯޗް އަލީ ސުޒޭން ވަނީ މީގެ ކުރިން ބުނެފައެވެ.

މިދިޔަ އަހަރުގެ ލީގު ހޯދީ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބެވެ.