ޚަބަރު

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢު އިފްތިތާޙުކޮށްފި


  • މަޝްރޫޢު ކުރިއަށް ދަނީ ޑެފިނިޓް ސޮލިއުޝަންސްއާ ޙަވާލުކޮށްގެން

  • 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ

އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް، ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ، އެކަމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދާޚީލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި އެންގްލޯ ބެލްޖިއަން ކޯޕަރޭޝަންގެ އޭރިއާ މެނޭޖަރ ކެޕްޓަން ވިންސެންޓް ޕިރީއާއި، ޑެފިނިޓް ސޮލިއުޝަންސްގެ ސީއީއޯ އަބްދުﷲ ސަޢީދު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ މުޙައްމަދު ނަޖާޙު ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލައަކީ އެތައް ދުވަހެއްވީ މައްސަލައެއް ކަމަށާއި، މީގެ ކުރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވުމުން އެކަން ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އައު ފަރާތަކާ މަސައްކަތް ޙަވާލުކުރެވި، ޢަމަލީ މަސައްކަތް ފެށިފައިވާކަން ނަޖާޙު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ފެނަކައިން ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢު ނިމޭއިރު، އައްޑޫ ސިޓީ އިންޖީނުގޭގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ކަމަށާއި، އައްޑޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދެވޭނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ފެށި މަޝްރޫޢެކެވެ.

ޑެފިނިޓް ސޮލިއުޝަންސްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމްގެ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން އޭބީސީގެ ޒަމާނީ ލޯ ސްޕީޑް އިންޖީނުތަކެކެވެ. މިއީ، މިހާރު ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކަށްވުރެ އިތުބާރު ހުރި، ޔޫރަޕްގެ ފެންވަރުގެ އުފެއްދުންތަކެކެވެ.

މި މަޝްރޫޢު ނިމި ޚިދުމަތް ފެށޭއިރު، އައްޑޫ ސިޓީގައި ހުއްޓިފައިވާ ފެނަކައިގެ ދެ އޮފީސް އިމާރާތުގެ މަސައްކަތް ނިންމައި، މުވައްޒަފުންނަށް އެކަށީގެންވާ އައު އޮފީސް މާޙައުލެއް ލިބިގެންދާނެ ކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.