ސިޔާސީ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އަނެއްކާވެސް ދަޢުވަތު ފޮނުއްވައިފި


ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ފަށްޓަވާފައިވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންގެ ނަންފުޅުތައް ފޮނުއްވައިދެއްވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި، އަދާލަތު ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނެއްކާވެސް ދަންނަވައިފިއެވެ.

ކޮމަންވެލްތުގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕުގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ފަދައިން، އަދި ދިވެހި ސަރުކާރުންވެސް މިހާ ތަނަށް އެދެމުން އައި ފަދައިން، އެއްވެސް ޝަރުޠަކާ ނުލައި، ހުރިހާ ފަރާތްތަކަކުންވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަކީ، ކޮންމެހެން ބޭނުންކަމެއް ކަމުގައި ސަރުކާރުން ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. އަދި މިހާތަނަށް އެމް.ޑީ.ޕީ. އިންނާއި، ޢަދާލަތު ޕާޓީން މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާފައިނުވާތީ، އެކަމާ ސަރުކާރުން ހިތާމަކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

އެމްޑީޕީ އާއި ޢަދާލަތު ޕާޓީއަށް އެކަނި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނޭ ބޭފުޅުންގެ ނަންފުޅުތައް ފޮނުއްވައިދެއްވުމަށް މިފަހަރު މި ދެންނެވުނީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަންނަވާފައިވާ ދެންނެވުމަށް، މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންގެ ނަންފުޅުތައް ފޮނުއްވާފައި ނުވަނީ އެ ދެ ޕާޓީންކަމުގައިވާތީއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ ދިވެހިރައްޔިތުންގެ ހެވާއި ލާބަޔާއި، ޤައުމުގެ ހަމަޖެހުމަށް މަސައްކަތްކުރުމަށްޓަކައި، ދިވެހި ސަރުކާރުން އިސްނަންގަވައިގެން ކުރައްވާ މަސައްކަތެއްކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.