ރާއްޖޭގައި 4 އަހަރަށް ފަހު ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުލަގަދަ ރަސްމިއްޔާތަކާއެކު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ފަށައިފިއެވެ.
ސާފްގެ ހަތް ގައުމުން ވާދަކުރާ މި މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ.
މުބާރާތް ހުޅުވާ މެޗުގައި ރާއްޖޭގެ އުންމީދީ ޒުވާން ޓީމުން ލަންކާއާއި ދެކޮޅަށް ކުޅޭ މެޗު ބައްލަވާލެއްވުމަށްޓަކައި ނައިބު ރައީސްގެ އަރިހުގައި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޖެނެރަލް ސެކެއްޓްރީ އާއި އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ އަޙްމަދު ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތައް ފެނިގެންދިޔައެވެ. މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އޮތީ ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗެވެ.
މީގެ ކުރިން ރާއްޖޭގެ ފުޓުބޯޅައަށް ކުރިއެރުން ހޯދައިދިން އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖެ މުބާރާތާއި ކުރިމަތިލިއިރު ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ޓީމަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ފުރަތަމަ މެޗަށް ގަލޮޅު ދަނޑަށް ވަނެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި ނޭޕާލް އަދި ބޫޓާނާއި އެކު ގުރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. އޭޕްރީލް 03 ގެ ނިޔަލަށް މާލޭގައި އޮންނަ މި މުބާރާތުގައި ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރާއްޖެ ނިކުންނާނީ 25 ވަނަ ދުވަހުގެ ރޭ ބޫޓާނާއި ދެކޮށެވެ. ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ހަވީރު ރާއްޖެ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.
އަމިއްލަ ގައުމުގައި މިމުބާރާތް ކުޅެން ލިބުން އެއީ ލިބުނު މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ ދިވެހިންގެ ސަޕޯޓަރުންގެ ތަރުހީބާއެކުގައި ކަމަށް ޖޯޝާއި ފޯރީގައި ތިބި ޒުވާން ޓީމުގެ ކުޅުންތެރިން ވަނީ ބުނެފައެވެ.
މިއީ ދިވެހި ސަޕޯޓަރުންނަށް ޒުވާން ކުޅުންތެރިންގެ ހުނަރު ބައިނަލްއަގްވާމީ މުބާރާތެއްގައި ބަލާލަށް ލިބޭ ތަފާތު ފުރުސަތަކަށް މި މުބާރާތް ވާއިރު ގައުމީ ކޯޗު އިސްޓަވާން އުރުބާނީވެސް އެދެނީ ވީވާހެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް އައިސް މި މުބާރާތް ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި ބައިވެރިވުމަށެވެ.