ޚަބަރު

ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސް ހޯދަނީ


  • ލައިސަންސް ހޯދަން ލަންކާގެ ސެންޓްރަލް ބޭންކަށް ވަނީ ހުށަހަޅާފައި

  • ރާއްޖޭން ބޭރުގައި ބްރާންޗެއް ހުޅުވާއިރު ބޭންކުގެ ރައުސުލްމާލު ރަނގަޅުވާންޖެހޭކަން ފާހަގަކުރެއްވި

ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަމަށް ބޭނުންވާ ލައިސެންސް ހޯދަން މިހާރު އެދިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ލައިސަންސް ހޯދަން އެ ގައުމުގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ބޭންކެއްގެ ބްރާންޗެއް ހުޅުވޭއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ލަންކާގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާއިރު ބޭންކުގެ ރައުސުލްމާލު ރަނގަޅުވާންޖެހޭ ކަމަށެވެ. އެގޮތުން ބޭންކުގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ރާއްޖޭން ބޭރުގައި ބްރާންޗެއް ހުޅުވާއިރު ކެޕިޓަލް އެއަށްވުރެ ވެސް ރަނގަޅުވާން ޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"ބޭރު ގައުމުތަކުގައި ކެޕިޓަލް ރިކުއާމެންޓް ފުދޭ ވަރަކަށް ބޮޑު ދެއްތޯ. ދެން ރެޕް އޮފީހެއް ކަހަލަ ތަނެއް ހުރެދާނެ. އެކަމަކު އަޅުގަނޑުމެންނަށް ސްރީ ލަންކާގައި ބްރާންޗެއް ހުޅުވިދާނެ ކަމަށް ގަބޫލުކުރެވޭތީ ބްރާންޗެއް ހުޅުވަން އަޅުގަނޑުމެން ލައިސެންސަށް އެދިފަ ވާނީ، އަޅުގަނޑުމެން ޕްރޮޕޯސަލްތައް ހުށަހަޅާފަ މިހާރު ވާނީ."ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން، އައްޑުއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު އަންނަނީ ހިންގަމުންނެވެ.

ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ނިމިދިޔަ އަހަރުވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ އިތުރުން އަތޮޅުތަކުގައި އެ ބޭންކުގެ ބްރާންޗްތައް ގާއިމްކުރުމަށްވެސް ނިމިދިޔަ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

2025ވަނަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ބެންކަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިޤްތިޞާދުގެ މުހިންމު ސިނާޢަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރުކަމަށް އެބޭންކުން ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެ ދިޔަ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 އިތުރުވެފައިވެއެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެއްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.