ޚަބަރު

މުބާރާތުގައި އޮތީ ހުސް ފޭވަރިޓުން، ނޭޕާލާ ދެކޮޅަށް ނުކުންނާނީ އެކަން ދަނެގެން: ލަންކާ


  • ފަހަތުން އަރައި މޮޅުވެ ލަންކާއިން ވަނީ ރާއްޖެ ހައިރާންކޮށްލާފައި

  • ނޭޕާލާއި ބޫޓާންގެ ކުރިމަތިލުން ފެނިގެންދިޔައީ ވާދަވެރިކޮށް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ހުރިހާ ޓީމަކީ ވެސް، މުބާރާތް ކާމިޔާބުކުރުމުގެ ބޮޑު ފުރުސަތެއް އޮތް ޓީމުތަކެއް ކަމަށް ސްރީލަންކާގެ ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްރާން މުޙައްމަދު ބުނެފިއެވެ.

މުބާރާތުގައި ދިވެހިރާއްޖެ އަތުން ފަހަތުން އަރައި 2-3 އިން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ކޯޗު އިމްރާން ބުނީ، މި ފަހަރުގެ މުބާރާތް ކުރިއަށް މިދަނީ ވަރަށް ވާދަވެރި، އެއް ޓީމު އަނެއް ޓީމަށް އެއްވެސް މިންވަރަކަށް ދޫ ނުދޭ މުބާރާތެއްގެ ގޮތުގައި ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން މިކަން އޮތީ މިހެން ނޫން ކަމަށާއި، ކުރިން މުބާރާތުގައި ފޭވަރިޓުންގެ ގޮތުގައި އޮންނަނީ ދެ ޓީމެއް ވަރު ނަމަވެސް، މިހާރު ހުރިހާ ޓީމަކީ ވެސް ފޭވަރިޓުންގެ ގޮތުގައި ބެލިދާނެކަމަށް އޭނާ ބުންޏެވެ.

ކޯޗު އިމްރާން އިތުރަށް ބުނީ، ނޭޕާލަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ނުކުންނާނީ، ޓީމުގެ ކޯޗު، އަޙްމަދު އަލް މަންނާއީގެ ޙާއްސަ ޕްލޭނެއްގެ ދަށުން އެ ޕްލޭން ތަންފީޛުކުރަން ކަމަށެވެ.

"ކުރީގެ މުބާރާތްތަކުގައި ފޭވަރިޓުންގެ ގޮތުގައި މި ތިބެނީ އެއް ޓީމެއް ނޫނީ ދެ ޓީމެއް. އެކަމަކު ހާލަތު މިހާރު ބަދަލުވެއްޖެ. މިއީ ތަފާތު ޖީލެއް. ވަރަށް ވާދަވެރި، ހުނަރުވެރި ޖީލެއް ޓީމުތަކުގައި މިހާރު މިއޮތީ. އެހެންވީމަ މިހާރު ހުރިހާ ޓީމަކީ ވެސް ފޭވަރިޓުން. ނޭޕާލަކީ ވެސް، ބޫޓާނަކީ ވެސް ވަރުގަދަ ދެ ޓީމު. ނޭޕާލާ ދެކޮޅަށް ނުކުންނާނީ އެކަން ދަނެގެން. ކޯޗުގެ އޮބެތް ހާއްސަ ޕްލޭނެއް. އިރާދަކުރެއްވިއްޔާ އެ ޕްލޭން ތަންފީޛުކޮށް، ނަތީޖާ ނެރެން މަސައްކަތް ކުރާނަން". ކުރިއަށް އޮތް މެޗުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އެސިސްޓަންޓް ކޯޗު އިމްރާން ބުންޏެވެ.

"އަންޑަޑޯގްސް" ގެ ގޮތުގައި ބެލެވުނު ސްރީލަންކާއިން ވަނީ މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެއަށް ސިހުން ގެނުވައި، އެހެން ޓީމުތައް ވެސް ހައިރާން ކޮށްލާފައެވެ.

މެޗުގެ ފުރަތަމަ ހާފު ރާއްޖެއިން ދެ ލަނޑުގެ ލީޑެއްގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ލަންކާއިން ވަނީ ތިން ލަނޑު ޖަހައި މެޗުން މޮޅުވެފައެވެ.

މި މޮޅާއެކު ލަންކާ މިވަގުތު އޮތީ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި، ޖެހި ގޯލުގެ ފަރަގުން ކުރި ލިބިގެނެވެ. ދެވަނައިގައި އޮތީ ބޫޓާން އަތުން 1-2 އިން މޮޅުވި ނޭޕާލެވެ. ތިންވަނައިގައި ރާއްޖެ އޮތް އިރު މި ގުރޫޕުގެ ފުލުގައި އޮތީ ބޫޓާނެވެ.

މި ގުރޫޕުގައި ބުދަ ދުވަހު ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ލަންކާއިން ނޭޕާލާ ދެކޮޅަށް ހަވީރު 15:45 ގައި ނުކުންނައިރު، ރޭގަނޑު 20:30 ގައި އޮންނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.