މިދިޔަމަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން އެވުޒާރާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އިހުމާލުވުމުގެ 21 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ފިރިހެން ކުދިންނާ ގުޅޭ 12 މައްސަލައަކާއި، އަންހެން ކުދިންނާ ގުޅޭ 9 މައްސަލައެކެވެ. މީގެ އިތުރުން ޖިންސީ ހާނިކައިގެ 13 މައްސަލައަކާއި، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލައެއްގެ އިތުރުން ނަފްސާނީ ހާނިކައިގެ 11 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ފެނުމުގެ 9 މައްސަލައަކާއި، ފުރައްސާރައިގެ 2 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.
ކުދިންގެ އަޚްލާޤީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް ފެބްރުވަރީ މަހު ރިޕޯޓް ކޮށްފައިވާއިރު، އޭގެތެރޭގައި އެންމެ ގިނައީ ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލަތައް ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
ޢާއިލީ މައްސަލަތަކަށް ބަލާއިރު، ޖުމްލަ 33 މައްސަލައެއް ވަނީ އެވުޒާރާއަށް ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ، ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. އެގޮތުން ކުދިން ބެލުމާ ގުޅޭ 17 މައްސަލައަކާއި، ކުދިންނާ ބައްދަލު ކުރުމުގައި ޖެހޭ 11 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް އެވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ އިތުރުން ގެވެށި އަނިޔާގެ ޖުމްލަ 48 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ، ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން، މި ބާވަތުވެ 30 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 25 މައްސަލައަކާއި، ފިރިހެނުންނާއި ގުޅޭ 05 މައްސަލައެކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 10 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ މައްސަލަތަކެވެ. އަދި ބިރު ދެއްކުމުގެ ގޮތުން ކުރާ ކަންކަމުގެ 05 މައްސަލައާއި، ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރާ ކަންކަމާއި، ބްލެކް މެއިލްކުރުމުގެ މައްސަލައަކާއި އިންޓަރނެޓް މެދުވެރިކޮށް ހާނިއްކަ ކުރުމުގެ މައްސަލައެއް ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 39 މައްސަލައަކާއި، ފިރހެނުންނާއި ގުޅޭ 09 މައްސަލައެކެވެ.
އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 21 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 08 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 06 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 02 މައްސަލައެކެވެ.
މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 06 މައްސަލަ އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި ޢާއިލާތަކަށް އަޅައިލުމާއި، އެހީތެރިވުމުގެ 04 މައްސަލައާއި، ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 02 މައްސަލައާއި ނަސްފާނީ ބަލީގެ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެއް ހިމެނެއެވެ.
އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 10 މައްސަލައާއި އަންހެނުންގެ 11 މައްސަލައެވެ.
އެވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 08 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފެބްރުވަރީ މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅުންހުރި 04 މައްސަލައާއި ފިރިހެނުންނާއި ގުޅުންހުރި 04 މައްސަލައެވެ.
އެވުޒާރާއިން ވިދާޅުވީ، ފެބްރުވަރީ މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 02 ކުއްޖަކު ފޮސްޓަރިން ޢާއިލާތަކާއި ޙަވާލުކޮށްފައިވެއެވެ. އަދި ވުޒާރާގެ ހެލްޕްލައިންއަށް ލިބިފައިވާ ކޯލުތަކުގެ އަދަދަށް ބަލާއިރު ފެބްރުވަރީ މަހު އެވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 1802 ކޯލު ލިބިފައިވާ ކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ.
ވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި މިފަދަ ފަރާތްތަކަށް ބޭނުންވާ ކައުސިލިން ސެޝަންތައް 82 ފަރާތަކަށް ފޯރުކޮށްދީފައިވެއެވެ. އަދި 08 ފަރާތަކަށް ޕޭރެންޓިން ސެޝަންތަކާއި 57 ފަރާތަކަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އަންނަނީ މިފަދަ މައްސަލަތައް ބަލާ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.