ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބްއެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން، 905 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، 70 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 280 މީތަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، 2 ނެވިގޭޝަން ލައިޓު ހަރުކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖެހުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް އެޅުމަށް ހަމަޖެހިފައިވެއެވެ.
ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމައްދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ ޖެނުއަރީމަހު ރަތަފަންދޫއަށް ވަޑައިގެން، އެރަށަކީ ކުޑަ އާބާދީއެއް އޮތް ރަށަކަށް ވީނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީވެސް މުހިންމު ކަންކަން ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ރަށުގެ ބަނދަރު ތަރައްގީ ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ކަންފާހަގަކުރައްވާ ރައީސްވަނީ ރަތަފަންދޫގެ ބަނދަރުވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ގދ. ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
— Ministry of Construction, Housing & Infrastructure (@MoCImv) March 25, 2026
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ… pic.twitter.com/WihkZicRes
ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި، އެރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ލަފާފުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ގދ. ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އިމާރަތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އާއި އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.