ކުޅިވަރު

ބްރެޒިލަކީ ފެވަރިޓުންނެއް ނޫން، އެކަމަކު ވާދަކުރާނަން: ވިނީޝިއުސް


ބްރެޒިލަކީ އަންނަ ޖޫން މަހު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފެވަރިޓެއް ނޫން ނަމަވެސް މުބާރާތުގައި ރަނގަޅު ވާދައެއް ކުރާނެ ކަމަށް ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

މުބާރާތުގެ ކުރިން ކުޅޭ އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ދެ މެޗުގެ ތެރެއިން ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން ވިނީޝިއުސް ބުނީ ބްރެޒިލް ޓީމަކީ ހުރިހާ ގޮތަކުން މިހާރު ކުރިއަރާފައިވާ ޓީމެއް ކަމަށެވެ.

"އަހަރުމެން ކުރިއަށްވުރެ މިހާރު ވަރުގަދަ. މި ޓީމަކީ ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ޓީމެއް. އަހަރުމެން ފެވަރިޓުން ކަމަށް ނުކިޔާނެ. އެކަމަކު އަހަރުމެން ވަރުގަދަ ފައިޓެއް ދޭނަން،" ރެއާލް މެޑްރިޑްގެ ފޯވަޑް ބުންޏެވެ.

އޭނާ ބުނީ ޓީމުގައި އިސްކޮށް ތިބީ އޭނާ އާއި ބާސެލޯނާ އަށް ކުޅޭ ރަފީނިއާ ކަމަށާއި ދެ މީހުންގެ ވާދަވެރި ދެ ކުލަބަށް ކުޅުނަސް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި އުއްމީދު ކުރަނީ ނޭމާ ސަންޓޯސް ވެސް ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުމަށް ކަމަށެވެ.

"ރަނގަޅު އަހަރުމެން ދެ މީހުން ލީޑް ކުރަނީ. އެކަމަކު އަހަރުމެން ޓީމުގައި މޮޅު ކުޅުންތެރިން ބައިވެރި. ވޯލްޑް ކަޕަށް ދާންވާނީ އެންމެ ވަރުގަދަ ކުޅުންތެރިންނާއެކު. މި ގޮތުން ނޭމާ އަކީ އަހަރެންގެ އައިޑޮލްއެއް. އޭނާ ޓީމުގައި ހިމެނޭނެ ކަމަށް އަހަރެން އުއްމީދު ކުރަން. އެކަމަކު އެއީ ކޯޗު ނިންމާނެ ނިންމުމެއް. އަހަރުމެންގެ ޓީމުގެ ރޫހާއި އިތުބާރު މިހާރު ކުރިއަށްވުރެ ރަނގަޅު،" ވިނީޝިއުސް ބުންޏެވެ.

ބްރެޒިލަކީ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމެކެވެ. ނަމަވެސް 2002ގެ ފަހުން ބްރެޒިލަށް މުބާރާތުގައި އެކަށީގެންވާ ކާމިޔާބީއަކާ ގާތަށް ވެސް ނުދެވެ އެވެ. މިހެންވެ މިހާރު ކޯޗުކަން ދީފައިވަނީ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗު އިޓަލީގެ ކާލޯ އަންޗެލޯޓީއާ އެވެ. އޭނާ އަކީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗެވެ.