ކުޅިވަރު

ނޭޕާލް، ފީފާގެ ސަސްޕެންޝަނެއްގެ ތުންފަތް މަތީގައި


  • ގައުމުގެ ގާނޫނާއި ގަވާއިދަށް ބޯލަނބަން އެންގުމަކީ ފީފާގެ ސަސްޕެންޝަން އަންނަން ޖެހޭ ކަމެއް ނޫން: ނޭޕާލް

ސާފުގެ 20 އަހަރުނެ ދަށުގެ ފުޓްބޯޅަ މުބާރާތް ކުޅެން މިވަގުތު މާލޭގައި ތިބި ގައުމުތަކުގެ ތެރެއިން ނޭޕާލް، ފީފާގެ ސަސްޕެންޝަނެއްގެ ތުންފަތް މައްޗަށް ވެއްޓިއްޖެ އެވެ.

މުބާރާތުގ ސެމީ ފައިނަލަށް އެންމެ ފުރަތަމަ ހޮވުނު ގައުމަށް މި މައްސަލަ ދިމާވީ އެ ގައުމުގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމުންނެވެ.

މިއީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅިގެން އުފެދިފައިވާ އަރައިރުމެކެވެ. ނޭޕާލްގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނެރުނު ބަޔާނުގައު ބުނެފައިވަނީ ސަރުކާރުން ބޭނުންވަނީ އެ ގައުމުގެ ޑިސްޓްރިކްޓް ތަކުގެ މެދުގައި އިންތިހާބު ބޭއްވުމަށްފަހު އޭގެ ފަހުން ނޭޕާލް ފުޓްބޯލަ އެސޯސިއޭޝަނުގެ އިންތިހާބު ބޭއްވުމަށެވެ. އަދި މިއީ ނޭޕާލްގައި ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބަން އެންގުމަކީ ފީފާގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރީ އެ ގައުމުގެ ކުޅިވަރާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދެ ވަނަ ނުކުތާގެ ދަށުގެ ދަށުންނެވެ. އަދި މި ސަސްޕެންޝަނުގެ މުއްދަތުގައި ނޭޕާލުން ފުޓްބޯޅަ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް ހަރަކާތަކަށް އެއްބާރުލުން ނުދޭނެ އެވެ.

މިކަމާ ގުޅިގެން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ތިން ވަނަ ފަރާތަކުން ފުޓްބޯޅައިގެ ކަންކަމަށް ބާރު ނުފޯރުވަން ފީފާއިން އަބަދުވެސް އަންގާ ކަމަށާއި ސަސްޕެންޝަނެއް އަތުވެއްޖެނަމަ އެކަމުގެ ޒިންމާ އެސޯސިއޭޝަނުން ނަގަން ނުޖެހޭނެ ކަމަށެވެ.

ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރުގެ ރައިސް ޕަންޖާކް ބިކްރަމް ބޭނުންފުޅުވަނީ މި އިންތިހާބު ހަތަރު އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ބޭއްވުމަށެވެ. މި ގޮތުން މި މަހުގެ މާދަމާ އަށް އިންތިހާބު ތާވަލްކޮށްފައިވާއިރު ނެޝަނަލް ސްޕޯޓްސް ކައުންސިލް މިކަމަށް އެއްބަހެއް ނުވެ އެވެ. މިކަމާ ގުޅިގެން ބިކްރަމް ވިދާޅުވީ މިއީ ބާރުވެރިކަމުގައި ކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި މިއީ އާ ޒިންމާތަކަކާއި އާ ހިޔާލުތަކަކާއެކު އައު ދައުރެއް ފަށައިގަތުމަށް ފުރުސަތު ދިނުމަށް ކުރާ ކަމެއް ކަމަށެވެ.

ނަމަވެސް މީގެ ތިން ދުވަސް ކުރިން ނޭޕާލްގެ ޑިޕާޓްމަންޓް އޮފް ރެވެނިއު އިންވެސްޓިގޭޝަން އިން ވަނީ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.