ޚަބަރު

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ


  • އެކަން ހުއްޓާލުމަށް އެޗްޑީސީން ވަނީ އަންގާފައި

ވިނަރެސް އެޕާޓްމަންޓެއް ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ ތެރެއިން އެޕާޓްމަންޓެއް ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މިކަމާގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ، މި މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުޙަލާގައި، އެ މަސައްކަތް ހުއްޓާލުމަށް އެކަން ކުރާ ފަރާތަށް އަންގާފައިވާކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަމުންދިޔައީ ކޮން ބައެއްކަން އެ ކޯޕަރޭޝަނުން ހާމައެއް ނުކުރައްވައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޑްރީ ޚިދުމަތަށް އެލްޕީޖީ ގޭސް ބޭނުންކޮށްގެން އުފައްދާ އިންޑަސްޓްރިއަލް މެޝިންތަކެއް ވިނަރެސް ފްލެޓް ތެރޭ ބަހައްޓާފައި ހުރި މަންޒަރު ފެނެއެވެ. މި މައްސަލައާއި ގުޅިގެން އާންމު ބައެއް ފަރާތްތަކުންވެސް އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލަ އެޗްޑީސީން އަންނަނީ ބަލަމުންނެވެ.