އޮސްޓްރިއާގެ ޤައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސްއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއަން އެއާލައިންސްއިން ފުރި 324 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ، ބޮޑުބެރާއެކީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މިއީ އޮސްޓްރިއަން އެއާލައިންސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އޮސްޓްރިއަން އިން ރާއްޖެއަށް ފާއިތުވި 30 އަހަރުގައި ދަތުރުތައް ކުރަމުންދާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެއާއި އޮސްޓްރިއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަނީ ހަރުދަނާވެފައެވެ.
މިއަހަރުގެ ފުރަތަމަ 2 މަސް ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި އޮސްޓްރިއާ ހިމެނެނީ، 12ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުގެ ގޮތުގައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 9،041 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.