ޚަބަރު

ސްޕިއާ ފިޝިންއަށް އަންނަ މަހު ހުޅުވާލަނީ


  • ގަވާއިދު އެކުލަވާލާ ހުއްދަ ދެނީ

  • ސްޕީއާ ފިޝިިން މަނާކުރިފަހުން 40ވަރަކަށް އަހަރުވެއްޖެ

  • 40 މީޓަރަށް ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންކުރުމުގެ ހުއްދަވެސް ދެނީ

އަންނަ މަހުތެރޭ ސްޕިއާ ފިޝިންއަށް ހުއްދަ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ސްޕިއާ ފިޝިން މަނާކުރި ފަހުން މިހާރު 40 ވަރަކަށް އަހަރުވެއްޖެއެވެ. އެހެން ނަމަވެސް ފަތުުރުވެރިކަން ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ސްފިއާ ފިޝިންއަށް ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ސްޕިއާ ފިޝިންއަށް ހުއްދަދިނުމަށްޓަކައި އެކަމަށް ބޭނުންވާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސްޕިއަރ ފިޝިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަމަސްތެރޭގަ އިތުރު ގަވާއިދަކާ އެއްކޮށް އަޅުގަނޑުމެން ހުޅުވާލާނަން. އެހެންވީމަ އެވެސް މުޅިން އައު ސެގްމެންޓެއް. ވޭތުވެދިޔަ 40އައްކަ އަހަރު ސްޕިއަރ ފިޝިން މި އޮންނަނީ ރާއްޖޭގަ މަނާކުރެވިފަ. އެހެންވީމަ އެކަންތައް ހުޅުވާލެވުނީމަ އައު ސެގްމެންޓުތައް ހުޅުވިގެންދާނެ". ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތް ސިންތަފާތުކުރުމުގެ ގޮތުން ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންގައި 40 މީޓަރަށް ޑައިވްކުރުމަށް ހުއްދަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި ޓެކްނިކަލް ރެކްރިއޭޝަން ޑައިވް ކުރެވެނީ 30 މީޓަރަށެވެ.

"މިއީ ވަރަށް މަޤުބޫލު ބާވަތެއްގެ ޑައިވިންއެއް، އިންޑަސްޓްރީގެ ފަރާތަތްކާއެކު ވާހަކަދައްކަމުން މިދަނީ، ރެގިއުލޭޝަންއަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، އެޕްރީލް މަހު 40 މީޓަރަށް ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން ހުޅުވާލެވޭނެ ކަމަށް،" ވަޒީރު ޠާރިޤު

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ލޯ ސީޒަން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި ހުޅުވާލެވޭ އައު ފުރުސަތުތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.