ޚަބަރު

ދިވެހި ސަޕޯޓަރުންނާއެކު ރާއްޖެ މެޗު ވަރަށް އުނދަގޫވާނެ: ޓިމޯ ލެސްޓޭ ކޯޗު


  • ޓިމޯ ލެސްޓޭއިން ވަނީ ކޮލިފައިންގައި މީގެކުރިން ރާއްޖެ ބަލިކޮށްފައި

  • މެޗު އެއްވަރުކޮށްލައިގެން ފަރުޖައްސާލުމުގެ ވިސްނުން އެ ޓީމުގައި އެބަހުރި

ދިވެހި ސަޕޯޓަރުންގެ ފަރާތުން ހިތްވަރު ލިބިގެން ނުކުންނަ ރާއްޖޭގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅެން ޖެހުމުން މެޗު އުނދަގޫވާނެކަމަށް ޓިމޯ ލެސްޓޭގެ ކޯޗު ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު (ޒީ ޕެޑްރޯ) ބުނެފިއެވެ.

މި މަހު 31 ގައި އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗު ގަލޮޅު ދަނޑުގައި އޮންނާނެއެވެ.

މެޗު ކުޅުމަށްޓަކައި ޓިމޯ ލެސްޓޭ ޓީމުން މިހާރު ރާއްޖެ އައިސް ފަރިތަކުރުންތައް ފަށާފައިވާއިރު، އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ޒީ ޕެޑްރޯ ބުނީ، ރާއްޖޭގެ ޓީމަށް ހިތްވަރުދޭން ދިވެހި ސަޕޯޓަރުން ތިބުން އެއީ ޓިމޯ ލެސްޓޭ ޓީމަށް އެކަމުގެ އުނދަގޫ ކުރިމަތިވާނެކަމެއް ކަމަށެވެ.

ކޮލިފައިންގައި ކުރިން ކުޅުނު މެޗުން ރާއްޖެ އަތުން 0-1 އިން މޮޅުވެވުނު ނަމަވެސް، އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި ބަލައި، ހިތްހަމަޖައްސާލެވެން ނެތްކަމަށް އޭނާ ބުންޏެވެ.

ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ތިންވަނައިގެ ގޮތުގައި ނިންމާލަން ޓިމޯ ލެސްޓޭއަށް ބޭނުންވަނީ ހަމައެކަނި މެޗު އެއްވަރުކޮށްލަންކަން ފާހަގަކޮށް ޒީ ޕެޑްރޯ އިތުރަށް ބުނީ، މިއީ އެ ޓީމަށް ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.

"ރާއްޖެއިން މެޗަށް ތައްޔާރުވެއްޖެ. ސަޕޯޓަރުން ރާއްޖެ ޓީމަށް ހިތްވަރުދޭން އެބަތިބި. ފުރަތަމަ މެޗުގައި އަހަރުމެންނަށް 0-1 އިން މެޗު ކާމިޔާބު ކުރެވުނު ނަމަވެސް އެއީ އެއިން އެއްވެސް ފައިދާއެއް ކުރާނެކަމެއް ނޫން. މިއީ އަހަރުމެންނަށް ވަރަށް އުނދަގޫވާނެ މެޗަކަށް ވާނެ. އަހަރުމެންނަށް ތިންވަނައިގެ ގޮތުގައި ނިންމާލަން މި މެޗުން މޮޅުވެގެން ނޫނީ އެއްވަރުކޮށްލައިގެން ވިޔަސް ފަރުޖައްސާލެވިދާނެ. އެކަމަކު ރާއްޖެއިން ނުކުންނާނީ ވަރުގަދަކޮށް، މެޗުން މޮޅުވާން. އޭރުންތާ ތިންވަނައިގެ ގޮތުގައި ރާއްޖެއަށް ނިންމާލެވޭނީ". ޓިމޯ ލެސްޓޭގެ ކޯޗު ޒީ ޕެެޑްރޯ ބުންޏެވެ.

ކޯޗު ޒީ ޕެޑްރޯ އިތުރަށް ބުނީ، ކަން މިހެން އޮތް ނަމަވެސް، މެޗުން މޮޅުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ޓިމޯ ލެސްޓޭއިން ކުރާނެ ކަމަށެވެ،

ކޮލިފައިންގެ ގްރޫޕް ތާވަލަށް ބަލާލާއިރު އެއްވަނައިގައި އޮތް ތަޖިކިސްތާނާއި ދެވަނައިގައި އޮތް ފިލިޕީންސްއަށް ވަނީ 13 ޕޮއިންޓު ލިބިފައެވެ. ތާވަލުގައި ތަޖިކިސްތާނަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިންވަނައިގައި އޮތް ޓިމޯ ލެސްޓޭއަށް ތިން ޕޮއިންޓު ލިބިފައިވާއިރު ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

އެހެންކަމުން ތާވަލުގައި ޓިމޯ ލެސްޓޭގެ މައްޗަށް ކުރިހޯދައި ތިންވަނަ ހޯދުމަށްޓަކައި، އެ ޓީމުގެ މައްޗަށް 31 ވަނަ ދުވަހު ކުރިހޯދަން ޖެހެއެވެ. ރާއްޖެއަށް ކުރި ލިބޭނީ މަދުވެގެން ދެ ލަނޑު ޖަހައި މޮޅުވެގެންނެވެ.