ޚަބަރު

ހުޅުމާލޭ ފުރަަތަމަ ފިޔަވަހީގައި ސްޕޯޓްސް ޕާކެއް


  • ފުަޓްސަލް ދަނޑަކާއި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްގީކުރާނެ

  • މިހާރުވެސް ބޭނުންކުރަމުން އަންނަ ވޯލީ ކޯޓުވެސް ސްޕޯޓްސް ޕާކުގައި އޮންނާނެ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ސްޕޯޓްސް ޕާކްގެ ބިންގާ އަޅައިފިއެވެ.

މި ސްޕޯޓްސް ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފާއި، ބައިވެރިވެވަޑައިގެންނެވިއެވެ.

މިތަނަކީ ކުޑަކުދިންނަށްވެސް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރާއިރު ޓާފް އަޅައިގެން ތަރައްގީކުރާ ފުަޓްސަލް ދަނޑަކާއި 3 އޮން 3 ބާސްކެޓް ކުޅެވޭ ގޮތަށް ތަރައްގީކުރާ ކޯޓެއް އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިހާރުވެސް ބޭނުންކުރަމުން އަންނަ ވޯލީ ކޯޓު އެ ޕާކުގައި ހިމެނޭނެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ކޮންޓެއިނާ ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުގައި އަޅާ މި ޕާކުގެ މަސައްކަތް ގާތްގަނޑަކަށް ހަތަރުމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މިއީ އެ ސަރަހައްދުގައި ކުޑަކުދިން ކުޅޭނެ ތަނެއް ނެތުމުގެ ސަބަބުން އެޗްޑީސީއަށް އާންމު ރައްޔިތަކު އެތައް ދުވަހެއް ވަންދެން ހުށަހަޅަމުން އައި ކަންބޮޑުވުމަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަރައްޤީކުރާ ޕާކެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިކޮށް ބިންގާ އެޅުމުގައިވެސް ބައިވެރިކުރުވާފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ހުރި ކުޅިވަރަށް ހާއްސަ ބިންތައް ތަރައްޤީކުރުމުގެ މަސައްކަތަކަށް އެކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.