ކުޅިވަރު

ޒުބިމެންޑީ: ގައުމީ ޒިންމާއިން ދުރަށްދިޔަ އާސެނަލްގެ 10 ވަނަ ކުޅުންތެރިޔާ


ކަކުލަށް ތަދުވާތީވެ އާސެނަލްގެ މާޓިން ޒުބިމެންޑީ ސްޕޭން ޓީމާ ވަކިވުމުން ގައުމީ ޒިންމާއިން ދުރަށް ދާން ޖެހުނު އާސެނަލްގެ 10 ވަނަ ކުޅުންތެރިއަކީ އޭނާ ކަމަށް ވެއްޖެ އެވެ.

ޒުބިމެންޑީ އަކީ ސާބިއާ އަތުން ސްޕޭން މޮޅުވި މެޗުގައި ފަހު ހާފުގައި ރޮޑްރީގެ ބަދަލުގައި ކުޅެން ނުކުތް ކުޅުންތެރިޔާ އެވެ. ނަމަވެސް މާދަމާ މިސުރާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ލައްވައި ނުކުޅުވަން ކޯޗު ލުއިސް ޑެލަފުއެންޓޭ ވަނީ ނިންމާފަ އެވެ.

"އަނިޔާ އެއް ވެދާނެ ކަމަށް ބަލާފައި ކުޅުންތެރިޔާގެ ރައްކާތެރި ކަމަށް މި ގޮތަށް ނިންމީ. މިކަން އާސެނަލްގެ މެޑިކަލް ސްޓާފުންނަށް ވެސް ވާނީ އަންގާފައި،" ސްޕޭން ޓީމުން ބުންޏެވެ.

އޭނާގެ ކުރިން ޕިއޭރޭ ހިންކާޕިއާ ވަނީ އިކުއެޑޯގެ ސްކޮޑުން އުނިކޮށްފަ އެވެ. މޮރޮކޯއާ ދެކޮޅަށް 72 މިނިޓް ކުޅުނު ކުޅުންތެރިޔާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. މީގެ އިތުރުން އާސެނަލްގެ މެދަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޑިކްލަން ރައިސް އާއި ފޯވަޑް ބުކަޔޯ ސަކާ ވެސް ވަނީ ހާނިއްކައިގެ ސަބަބުން އިނގިރޭސި ޓީމުން ވަކިވެފަ އެވެ. މި ދެ ކުޅުންތެރިންނަށް ވަނީ ހޮނިހިރު ދުވަހު އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެވޭ ގޮތް ނުވެފަ އެވެ.

މީގެ އިތުރުން އަރިމަތިން ކުޅޭ ނޯނީ މަޑުއެކާ ވެސް ވަނީ އުރުގުއޭ މެޗުގައި ލިބުނު ހާނިއްކަ އަކަށް ފަރުވާ ހޯދަން ފަށައިފަ އެވެ. އަދި އެބެރިޝީ އެޒޭ އާއި ފްރާންސްގެ ޑިފެންޑަރު ވިލިއަމް ސަލީބާ އާއި ބްރެޒިލް ގަބްރިއަލް އާއި ބެލްޖިއަމްގެ ލިއަންދްރޯ ޓްރޮސާޑް އާއި ޖާރެން ޓިމްބާ ވެސް ވަނީ ގައުމީ ޒިންމާއިން ވަކިވެ ކުލަބުގެ ކުރިއަށް ހުރި މެޗުތަކަށް ފިޓްވާން މަސައްކަތް ފަށައިފަ އެވެ.

އިނގިރޭސި ލީގުގެ އެއްވަނާގައި އޮތް އާސެނަލް އަށް ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއެކަޕުގައި މުހިންމު މެޗުތަކެއް ކުރިއަށް އެބަހުއްޓެވެ.