ކުޅިވަރު

ޗަންގމާއި ސިކްސެސް މުބާރާތް ރާއްޖެ ފެށީ މޮޅަކުން


  • މިމުބާރާތުގައި ރާއްޖެ ހިމެނެނީ ޓޮޕް ރޭޓެޑް ގައުމެއްގެ ގޮތުގައި

  • އެކި ގައުމުތަކުން 42 ޓީމެއް މުބާރާތުގައި ވާދަކުރޭ

  • އެސްސީސީއަކީ 2024 އަދި 2025 ވަނަ އަހަރު ތައިލޭންޑްގައި ބޭއްވި ހުއާ ހިން ސިކްސެސް ވެޓެރެންސް ޑިވިޝަނުގެ ޗެންޕިއަންކަން ހޯދި ޓީމު

މިމަހުގެ 27 އިން އަންނަމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ތައިލޭންޑްގައި ކުރިއަށްދާ 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް (އެސްސީސީ)އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިމަހުގެ 29 ވަނަ ދުވަހު ކުރިއަށްދިޔަ މިމެޗުގައި އެސްސީސީއިން މާރގޭޓް ސީސީއާއި ވާދަކޮށް މެޗު ކާމިޔާބުކޮށްފައިވަނީ 10 ލަނޑުންނެވެ. އިދިކޮޅު މާރގޭޓް ސީސީއަށް 5 އޯވަރުގެ ތެރޭގައި 2 ވިކެޓަށް 63 ލަނޑު ހެދިފައިވާއިރު، ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް ވަނީ 5 އޯވަރުގެ ތެރޭގައި 2 ވިކެޓަށް 73 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 31 ލަނޑު ހެދި މޫސާ ކަލީމެވެ. އަދި މާރގޭޓް ސީސީއަށް އެންމެ ގިނަ ލަނޑު ހަދައިފައިވަނީ 26 ލަނޑު ހެދި އޮސްކާ ކާޓާއެވެ.

ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުންދާ ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ މޫސާ ކަލީމް، އަހްމަދު އަފްޒަލް ފާއިޒް، އަހްމަދު ނީޝަމް ނާސިރް، އަލީ އާޒިމް، އާރިފް ރިޒާ، އިބްރާހިމް ރިޔާޒް، މުހަންމަދު ސައީދު، ޝާހިދު މުހަންމަދުގެ އިތުރުން އަހްމަދު ކަލީމެވެ.

މުބާރާތުގައި ދެން ރާއްޖޭގެ މެޗެއް 30 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ ނުކުންނާނީ ލަމްފަން ނޮދާރން ލަޔަންސްއާއި ދެކޮޅަށެވެ. އެއަށްފަހު 31 ވަނަ ދުވަހު ޕާރޕްލް ހެލްމެޓްސްއާއި ދެކޮޅަށް ކުޅޭނެއެވެ.

36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެ ހިމެނޭހެން އެކި ގައުމުތަކުން 42 ޓީމެއް ވާދަކުރެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ނިއުޒީލެންޑް، އިނގިރޭސިވިލާތް އަދި އިންޑިއާ
ފާހަގަކޮށްލެވެއެވެ.

ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މިޓީމަކީ ބައިނަލްއަގްވާމީ މިފަދަ މުބާރާތްތަކުގައި މީގެ ކުރިންވެސް ވާދަކޮށް ރަންވަނަތަކެއް ގައުމަށް ހޯދަދީފައިވާ ޓީމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2024 އަދި 2025 ވަނަ އަހަރު ތައިލޭންޑްގައި ބޭއްވި ހުއާ ހިން ސިކްސެސް ވެޓެރެންސް ޑިވިޝަނުގެ ޗެންޕިއަންކަން ހޯދާ މުބާރާތުގެ ތަށި އުފުލާލުން ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނެނީ ޓޮޕް ރޭޓެޑް ގައުމެއްގެ ގޮތުގައެވެ. ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކުރުމަށްފަހު ރާއްޖޭގެ ޓީމު އެނބުރި އަންނާނީ އަންނަމަހުގެ 6 ވަނަ ދުވަހުއެވެ.