އެމެޖެންސީ ނޫން ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ. މި އުޞޫލަށް އަމަލުކުރަން ފަށަނީ އަންނަ އެޕްރީލް މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައޫލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ހޯދުމަށް އައު އުޞޫލެއް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މިހާރު ޚިދުމަތްދޭ ގޮތުގެ އިތުރަށް އިތުރު ހާލަތްތަކުގައި އެމްބިއުލާންސް ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި އުޞޫލު ކަނޑައަޅާފައިވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކަމާއިބެހޭ ފަރާތްތަކާއެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ފަހު ކަނޑައަޅާފައިވާ އޫސޫލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމާއި ގުޅިގެން ކުރަން ޖެހޭނެ ޚަރަދުތަކާއި، އަދި މިކަން ކުރުމުގައި ދިމާވާނެ ގޮންޖެހުންތައްވެސް ދިރާސާ ކުރެވިފައިވާ ކަމަށެވެ.
"މިއީ ވަރަށް ގިނަ ދުވަހު އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަމާއި ބެހޭ ގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތައް؛ ފައިނޭންޝަލީ ބަޖެޓަރީ އިމްޕްލިކޭޝަންސް އޮޕަރޭޝަނަލް އެންގަލުން ބަލަންޖެހޭ ކަންތައްތައްވެސް ބެލުމަށް ފަހު އަޅުގަނޑުމެން ނިންމި ނިންމުމެއް. ވަރަށް ގިނައިން ރައްޔިތުންގެ ފަރާތުން އަންނަ ރިކުއެސްޓެއް މިއީ. ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެ ދުވަސްތަކެއް ވެފައި އޮތް ކަމެއް. އެކަމާއި އަޅުގަނޑުމެން މަޝްވަރާކޮށްފައި މި ބަދަލު މި ގެންނަނީ އަޅުގަނޑު ޔަޤީންކުރަނީ މިކަމުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
- އިމަރޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށް
- މައްޔިތުން އެމްބިއުލާންސްގައި އުފުލުން
- އެނދުމަތިކުރެވިފައިވާ ފަރާތްތައް އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް
- ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށް އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ޖިސްމާނީ، ނަފްސާނީ، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހިމެނޭ ގޮތަށް) އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް
- ސިއްޙީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ ފަރާތްތައް އެހެން އިތުރު ފަރުވާއަށް އެހެން މަރުކަޒަކަށް ގެންދިއުމަށް
- އިވެކުއޭޓް ކުރެވޭ ހާލަތުގައި ބަލިމީހާ ޖެޓީ/އެއަރޕޯޓަށް ގެންދިއުމަށް
އެމްބިއުލާންސް ޚިދުމަތްދޭ ދާއިރާތައް ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާއިރަށް، ރާއްޖޭގެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ ހާއްސަ މަޝްރޫޢުއެއްވެސް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ މަހު 56 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާއިރު، މިމަހުގެ ތެރޭގައި 2 ބުރަކަށް ބަހާލައިގެން އެމްބިއުލާންސް ރަށްރަށަށް ފޮނުވާފައިވެއެވެ. މީގެއިތުރުން، ބޮޑެތި އާބާދީތަކަށް އަމާޒުކޮށް ޕެރަމެޑިކް އެމްބިއުލާންސްތަކެއް ހޯދަމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެ އެމްބިއުލާންސްތައްވެސް އަންނަ މަހުގެ ތެރޭގައި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ހުރިހާ ރަށްރަށަށް އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ.