ޚަބަރު

ލަގްޒަރީ ބްރޭންޑް "ސޮލިޓޭރިއޯ"ގެ ފުރަތަމަ ފިހާރަ އެޗްއައިއެޗުގައި


  • މި އުފެއްދުމުގެ ޚާއްޞަ ކަމަކީ %100 ލެބުގައި އުފައްދާ ތަކެއްޗަށްވުން

  • ސޮލިޓޭރިއޯގެ ޝިޔާރަކީ "ބިމާއި ކަނޑުގެ ރީތިކަމަށް އިޚްތިރާމްކުރާ އަލިމަސް"

ސަސްޓެއިނަބަލް ލަގްޒަރީ ބްރޭންޑް 'ސޮލިޓޭރިއޯ' ފްލެގްޝިޕްގެ ފުރަތަމަ ފިހާރަ ހުޅުލެ އައިލެންޑް ހޮޓެލުގައި ހުޅުވައިފިއެވެ.

ސޮލިޓޭރިއޯއަކީ، ކޮނެގެން ނަގާ އަލިމަހުގެ ބަދަލުގައި، 100 އިންސައްތަ ލެބް-ގްރޯން ނުވަތަ ލެބުގައި އުފައްދާ އަލިމަހަށް ޚާއްޞަ، ޒަމާނީ ލަގްޒަރީ ގަހަނާ އުފައްދާ ބްރޭންޑެކެވެ. ބަލާލުމަށާއި ކެމިކަލް ގޮތުން ބަލާއިރު ބިމުން ނަގާ އަލިމަހާ އެއްގޮތް ނަމަވެސް ތިމާވެށްޓާއި ރައްޓެހި އަދި އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާ ގަހަނާތަކެކެވެ. އަދި އެ ބްރޭންޑްގެ ފަލްސަފާ އަލިމަހަކީ، ހަމައެކަނި ޚާއްޞަ މުނާސަބަތަކުގައި ބޭނުންކުރާ އެއްޗަކަށް ނުވެ، ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވޭނެ އެއްޗަކަށް ހެދުމެވެ.

ލެބުގައި އުފައްދާފައިވާ އަލިމަސް ބޭނުންކޮށްގެން އުފައްދާ ގަހަނާއަށް ޚާއްޞަ މި ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސޮލިޓޭރިއޯގެ ސީއީއޯ ރިކީ ވަސަންދާނީއާއި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒައެވެ. މި ފިހާރައަކީ، އެސެންސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ އެކްސްކްލޫސިވް ޕާޓްނަޝިޕެއްގެ ދަށުން ހުޅުވި ތަނެކެވެ. މިއާއެކު އެޗުއައިއެޗުގެ ރީޓެއިލް އަދި ލައިފްސްޓައިލް ޚިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޮލިޓޭރިއޯގެ ސީއީއޯ ރިކީ ވިދާޅުވީ، ރާއްޖެއަކީ ޤުދުރަތީ ރީތިކަމާއި ފެންވަރުމަތީ ޚިދުމަތްތަކަށް ދުނިޔޭގައި މަޝްހޫރު ޤައުމެއް ކަމަށެވެ. އަދި އެސެންސް މޯލްޑިވްސްއާ ގުޅިގެން ދެމެހެއްޓެނިވި ލަގްޒަރީގެ ތަސައްވުރު ރާއްޖެއަށް ތައާރަފް ކުރެވުމަކީ ލިބޭ ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

" ދިވެހިރާއްޖެއަކީ އަޅުގަނޑުމެންނަށް ހަމައެކަނި އާ މާކެޓެއް ނޫން މިއީ ޤުދުރަތީ ރީތިކަމާއި، ޚާއްޞަ ކަމާއި، އަދި ދުނިޔޭގެ މަޤުބޫލުކަން ލިބިފައިވާ މަންޒިލެއް. އެސެންސް މޯލްޑިވްސްއާއެކު އަޅުގަނޑުމެން މި އުފެއްދި ގުޅުމުގެ ސަބަބުން، ދެމެހެއްޓެނިވި މުއްސަނދިކަމުގެ ލަގްޒަރީ ސަސްޓެއިނަބަލް ތަޞައްވުރު، ރާއްޖޭގެ ރައްޔިތުންނާއި ބޭރުގެ ފަތުރުވެރިންނަށްވެސް ކަމުދާނެ ފަދަ ގޮތަކަށް ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތު ލިބިގެންދޭ." ރިކީ ވިދާޅުވިއެވެ.

އޭގެ އިތުރުން މިއީ އާދަޔާ ޚިލާފު ފުރިހަމަ ކަމާއި ތަފާތު އީޖާދުތައް އެކުލެވިގެންވާ، ކޮންމެ ތަޖުރިބާ އެއްވެސް ފަރުވާތެރިކަމާއެކު މަތީ ފަންތިއަކަށް އުފުލައިދޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސޮލިޓޭރިއޯއިން ރާއްޖޭގެ ޝިއާރަކީ، "ބިމާއި ކަނޑުގެ ރީތިކަމަށް އިޚުތިރާމް ކުރާ އަލިމަސް" އެވެ. މިއީ، ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޝިއާރެކެވެ. މި ފިހާރައާއެކު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި، ދިވެހިންނަށް ތިމާވެށްޓާ ރައްޓެހި، ފެންވަރު ރަނގަޅު ގަހަނާ ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.