ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާ ގޮތަށް ދެއްކި ވާހަކަ ކުށްވެރިކޮށްފި


  • އެގޮތަށް ވާހަކަ ދައްކާފައިވަނީ ތިނަދޫގައި މިމަހު 28 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި

ފެނުމުގެ ނުކުޅެއްދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާގޮތަށް ސިޔާސީ ޖަލްސާއެއްގައި ވާހަކަ ދައްކާފައިވާތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، އެކުލަވާލާފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްްޤުތައް ރައްކާތެރިކުރާ ކައުންސިލުން ނެރުނު ބަޔާނުގައި ވިދާޅުވީ، މިމަހުގެ 28 ވަނަ ދުވަހު ތިނަދޫ ސިޓީގައި "ފަހިފެހި ތިނަދޫ މެނިފެސްޓޯ ލޯންޗުކުރުން" ނަމުގައި ބޭއްވި ޖަލްސާގައި ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާގޮތަށް އަދި އެފަދަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަންނަފަދަ ގޮތަކަށް ސިޔާސީ އިސް ފަރާތްތަކުން ވާހަކަ ދައްކާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުންނާއި ޤާނޫނު އަސާސީގެ 35 ވަނަ މާއްދާއިން ޚާއްސަ ރައްކާތެރިކަން ލިބިފައިވާ ފަރާތްތަކެކެވެ. އަދި އެފަރާތްތަކާއި ގުޅޭ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިހުތިރާމް ކުރުމާއި އަމިއްލަވަންތަކަމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ އެފަރާތްތަކަށް ލިބިގެންވާ ހައްޤެއް ކަމަށް އެކައުންސިލުން ވިދާޅުވިއެވެ.

އެހެންނަމަވެސް ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖްތަމަޢެއް ބިނާކުރުމަށް އެކައުންސިލުން ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ވިދާޅުވިއެވެ. އަދި މިފަދަ ބަސްތައް މުޖްތަމަޢުގެ ތެރޭގައި އާންމުވުމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންބޮޑުވުން އޮތް، އެކަމުގެ ސަބަބުން އެ ފަރާތްތަކަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމެއްކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެކައުންސިލުން ވަނީ މިފަދަ ކަންކަން ތަކުކުރާރު ނުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް އެކައުންސިލުން ކުރަމުންދާ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމުގައި ކައުންސިލުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެކައުންސިލުންވަނީ ދެއްވާފަައެވެ.