ޚަބަރު

އިސްރަށްވެހިންގެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމަށް ސިމްޕޯސިއަމްއެއް


  • ސިމްޕޯސިއަމް އޮންނާނީ މިއަދާއި މާދަމާ

  • އެކަށީގެންވާ ގޮތަކަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މަޝްވަރާކުރާނެ

އިސްރަށްވެހިންނަށް ޚާއްޞަ ކޮށްގެން ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ޚާއްޞަ ސިމްޕޯސިއަމްއެއް ފަށައިފިއެވެ. މި ސިމްޕޯސިއަމް ކުރިއަށްދާނީ، މިއަދާއި މާދަމާއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމްގައި ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، ތަފާތު ޖަމްޢިއްޔާތަކާއި، ޔޫއެން އެޖެންސީތަކާއި، ޞިއްޙީ ވުޒާރާއާއި، އިޖުތިމާޢީ ވުޒާރާގެ އިތުރުންވެސް ކަމާއި ގުޅުންހުރި ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާ ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ.އަޙްމަދު އަޝްރަފް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މި ސިމްޕޯޒިއަމްގެ ތެރެއިން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ އުމުރުން ދުވަސްވާ މީހުން ރަނގަޅު ސިއްޙަތެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރުން. އެމީހުންނަށް ބޭނުންވާނެ ބޭސްފަރުވާއަށް އެމީހުންނަށް ދިމާވެދާނެ ކަންތައްތަކުން ރައްކާތެރިވުމަށް ކުރަން ހުންނަ ކަންތައްތައް އެމީހުންނަށް ބޭނުންވާނެ ދުޅަހެޔޮ ކާނާއަށް ނަފްސާނީ ދުޅަހެޔޮ ކަމަށް މި ހުރިހާ ކަމަކަށް އަމާޒު ކޮށްގެން ހެޔޮ ހާލުގައި އެންމެ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތައް ކުރުން". ޑރ.އަޝްރަފް ވިދާޅުވިއެވެ.

ޑރ.އަޝްރަފް ވިދާޅުވީ، މި ސިމްޕޯޒިއަމްގެ ތެރެއިން މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތް ދެނެގަނެ، އެކަށީގެންވާ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

" މި ފޯރަމްގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގެ ހާލަތް އޮންނަ ގޮތާއި، އެކަށީގެންވާ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން ފާހަގަކުރެވިގެންދާނެ. އެކަންކަމާ މަޝްވަރާކުރެވި ފުޅާދާއިރާއެއްގައި އެކަންތައްތަކާއި މަޝްވަރާކުރެވި އެކަންކަމަކީ ނޭޝަނަލް ޑިވެލޮޕްމެންޓް ޕެލޭންއަށް ކަންތައްތަކަށް ވެގެންދާނެ". ޑރ.އަޝްރަފް ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޖަޕާންއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ވެސް ވަނީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޢުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

" އުމުރުން ދުވަސްވީ މީހުންގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ތަރައްގީވެފައިވާ ޤައުމުތަކުގައި ނަމަވެސް މިހާރު ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ތަރައްޤީވެފައިވާ ޤައުމުތަކުންވެސް އެބަޖެހޭ އޭޖިން ޕޮޕިއުލޭޝަނަށް ތައްޔާރުވާން. އޭގެތެރޭގައި ރާއްޖެވެސް ހިމެނޭއިރު މިހާރު ރާއްޖެއިންވެސް މިވަނީ އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، އެ ފެސިލިޓީސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައި، އޭގެ ޕްރޮސެސް އަޅުގަނޑުމެންނަށް އެބަ ފެނޭ". އިޝިގާމީ ރުމީކޯ ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ، ކުރިއަށް އޮތް 10 އަހަރުގެ ޑިމެންޝިއާ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފައެވެ.

2020ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ ދަނީ އުމުރުން ދުވަސްވީ އާބާދީއާ ދިމާލަށެވެ. ވުމާއެކު ރާއްޖެއިން ފޯރުކޮށްދެވޭ ސިއްޙީ ޚިދުމަތްތަކާއި، ވަކިން ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.