ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ފުރަތަމަ މަހުގެ ތެރޭގައި، ތެލާއި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް 111 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާކަން، ތިމާވެށީގެ މާހިރުންގެ ޖަމުޢިއްޔާ، ތުރީފިފްޓީ ޑޮޓް އޯގް އިން ހާމަކޮށްފިއެވެ. ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ދޭން ފެށި ޢުދުވާނީ ޙަމަލާތަކާ ގުޅިގެން، އީރާނުން ދަނީ އަމިއްލަ ދިފާޢުގައި ރައްދު ޙަމަލާ ދެމުންނެވެ.
މި ގޮތުން ޢަރަބި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޞަހްޔޫނީ ދައުލަތަށް އީރާނުން ދަނީ ޙަމަލާ އަމާޒުކުރަމުންނެވެ. މީގެ އިތުރުން، އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެމެރިކާއާއި ޔަހޫދީންގެ ތެޔޮ ޓޭންކަރުތަކާއި އުޅަނދުފަހަރު ދަތުރުކުރުން ހުއްޓުވާފައެވެ. ނަމަވެސް، އެހެން ޤައުމުތަކުގެ އުޅަނދުތަކަށް އެ ސަރަޙައްދުން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފައިވެއެވެ. މި ގޮތުން، ޗައިނާގެ ކޮސްކޯ ޝިޕިންގް ކުންފުނީގެ ދެ އުޅަނދެއް ދާދިފަހުން ހުރްމުޒް ކަނޑުއޮޅި ކާމިޔާބުކަމާއެކު ހުރަސްކޮށްފައިވާކަން ނިޔަމިކަމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތުރީފިފްޓީ ޑޮޓް އޯގް އިން ބުނީ، އެކްސަން މޮބިލް، ޝެލް އަދި ޝެވްރޮން ފަދަ ބޮޑެތި ތެޔޮ ކުންފުނިތަކުން މި ކާރިސާގެ ނާޖާއިޒު ފައިދާ ނަގައި ބިލިޔަނުން ފައިދާ ހޯދަމުންދާ ކަމުގައެވެ. އެހެންކަމުން، އެ ކުންފުނިތަކުގެ ފައިދާއިން ބޮޑު ޓެކުހެއް ނަގައި، އެ ފައިސާ ތެލުގެ އަގު ކުޑަކުރުމަށް ބޭނުންކުރުމަށް އެ ޖަމުޢިއްޔާއިން ވަނީ ސަރުކާރުތަކަށް ގޮވައިލާފައެވެ.
މި ހަނގުރާމައިގެ ތެރޭގައި، ޞަހްޔޫނީންގެ ފައުޖުން ދަނީ ލުބުނާނުގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ވެސް ވައިގެ މަގުން ނިރުބަވެރި ޙަމަލާތަކެއް ދެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ، ފެށްޓެވި މި ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ގަސްކާނާގެ އަގު އުފުލި، އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމުގައި މާހިރުން ލަފާކުރެއެވެ. ތުރީފިފްޓީ ޑޮޓް އޯގް އިން ބުނީ، އިޢާދަކުރަނިވި ހަކަތައަށް ވުނަކުރުމަކީ އަގުތައް ހަމަޖެއްސުމަށާއި ކުރިމަގުގެ ކާރިސާތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގު ކަމުގައެވެ.