ޚަބަރު

ބަނގުރަލުގެ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް 2 ފިރިހެނުން

ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަޔްވާ ދެމީހުން ކަމަށްވާ، ޖާހިރު ހޮސައިން (33އ) އާއި ސޮޖަން ސުލްތާން (36އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ، ހުޅުމާލެ ފޭސް 1ގެ ކޮންޓެއިނަރ ޖެޓީން މާލެއަށް ބަނގުރާ ގެންދާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 1ގެ ފުލުހުންނާއި ބުރިޖު އެންޑް ހައިވޭ ޕޮލިސް ގުޅިގެން މާރިޗު 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ބުރިޖުމަތިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، އެ ދެމީހުން މިހާރު ރާއްޖެއިން ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ، މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުންނެވެ.