ކުޅިވަރު

ޕެނަލްޓީ ޖަހަން ވެސް ބަނގްލަދޭޝް ތައްޔާރު: ކޯޗު


ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން ނޭޕާލް ބަލިކުރަން ވެސް ޓީމު އޮތީ ތައްޔާރަށް ކަމަށް ބަނގްލްދޭޝްއިން ބުނެފި އެވެ.

ގަލޮޅު ދަނޑުގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު މާކް ކޯޒް ބުނީ އުއްމީދަކީ 90 މިނިޓް ތެރޭގައި ނަތީޖާ ނެރުން ކަމަށެވެ. މި މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު ހަމަހަމަ ވެއްޖެނަމަ ނަތީޖާ ނެރޭނީ އިތުރު ވަގުތު ނުކުޅެ ޕެނަލްޓީ ޖަހައިގެންނެވެ.

"އުއްމީދު ކުރަނީ 90 މިނިޓް ތެރޭގައި އަހަރުމެން މޮޅުވާނެ ކަމަށް. (އެއްވަރު ވެއްޖެނަމަ) އިތުރު ވަގުތެއް ނެތުމުން ދާނީ ސީދާ ޕެނަލްޓީ އަށް. އަހަރުމެން މި ތިބީ ކޮންމެ ގޮތަކަށް ވެސް ތައްޔާރުވެގެން،" ކޯޗު ބުންޏެވެ.

މި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ރޮނަން ޑިކްލަން އެވެ. އޭނާ މޮޅަށް ކުޅުނަސް މުޅި ޓީމަށް އެއްވަރަށް ނުކުޅެވޭ ވާހަކަ އެހުމުން ކޯޗު ބުނީ ޓިމުގެ 22 ކުޅުންތެރިންނަށް ވެސް އޭނާ އިތުބާރު ކުރާ ކަމަށެވެ.

"މެޗުތައް ވަރަށް ގާތްގާތުގައި ހުރީ. އެންމެ މޮޅު މީހާ އަށް ވެސް ކުރާ ވަރަށް އަހަރެން މިތަނުގައި ތިބި 22 ކުޅުންތެރިންނަށް ވެސް އިތުބާރު ކުރަން. އަހަރުމެން ޓީމު ނަގާނީ އަދި ކުޅެން އަރުވާ ކުޅުންތެރިން ނަގާނީ މެޗު ސިޓުއޭޝަނަށް ބަލާފައި،" ކޯޗު ބުންޏެވެ.

ބަނގްލަދޭޝް މުބާރާތް ފެށީ މުބާރާތުން އެންމެ އަވަހަށް ކެޓި ޕާކިސްތާން 2-0އިން ބަލިކޮށްފަ އެވެ. ސެމީ އަށް ދިޔައީ އިންޑިޔާއާ އެއްވަރުވި މެޗު ކުރިއަށް އޮއްވަ އެވެ.

2024 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި ނޭޕާލަކީ ރާއްޖެ ހިމެނުނު ގްރޫޕުގެ އެއްވަނަ ޓީމެވެ. ލަންކާ އާއި ބޫޓާން ބަލިކޮށް، ރާއްޖެއާ އެއްވަރު ކޮށް ނޭޕާލުން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ހަތް ޕޮއިންޓާއެކުގަ އެވެ.
މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ކުޅޭނީ ސެމީގެ ފަހު މެޗުގައި މިރޭ އިންޑިޔާ އާއި ބޫޓާން ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.