ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ރާއްޖެއައި ޕްރައިވެޓް ޖެޓްތަކުގެ އަދަދު އޭގެ ކުރީ އަހަރާއި އާޅަބަލާއިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހުގެ 15 އިން 31ގެ ނިޔަލަށް ރާއްޖެއަށް 178 ޕްރައިވެޓް ޖެޓް ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 134 ޕްރައިވެޓް ޖެޓެވެ. އެހެންކަމުން މިއީ %32.8 އިތުރު އަދަދެކެވެ.
މާރިޗު މަހުގެ ފަހު 16 ވަނަ ދުވަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 10އަކަށްވުރެ ގިނަ ޖެޓު އާދެއެވެ. އެންމެ ގިނައިން ޖެޓު އައިސްފައިވަނީ މާރިޗު 21 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 17 ޖެޓު ވަނީ އައިސްފައެވެ. އެންމެ މަދުން ޖެޓު އައި ދުވަހުވެސް ރާއްޖެއަށް 5 ޖެޓު ވަނީ އައިސްފައެވެ. އެއީ މާރިޗު މަހުގެ 26ވަނަ ދުވަހުއެވެ.
2025ވަނަ އަހަރުގެ މި މުއްދަތުގައި އެންމެ ގިނައިން ޖެޓު އައި ދުވަހު ރާއްޖެ އައިސްފައިވަނީ 13 ޖެޓެވެ. އަދި އެންމެ މަދުން އައި ދުވަހު ރާއްޖެއަށް އައިސްފައިވަނީ 2 ޖެޓުކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ފާހަގަކުރައްވައެވެ. އެ އެސޯސިއޭޝަނުން ވިދާޅުވިގޮތުގައި މިބަދަލު ފެނިފައިވަނީ އެ ސަރަހައްދުގެ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަންޖެހުމުންނެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓްވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ރާއްޖެއަށް ގިނަ އަދަދެއްގެ އެއާލައިންތަކުން ދަތުރުކުރެއެވެ. ނަމަވެސް ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓުތައް ކެންސަލް ކުރުމުން ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ފަތުރުވެރިން ޕްރައިވެޓް ޖެޓުތަކުގައި އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޖަމްޢިއްޔާތަކުން ގަބޫލުކުރާގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކުވެސް ރާއްޖެއަށް ފަތުރުވެރިންގެ މެދުގައި އޮތް ޑިމާންޑަކަށް ބަދަލެއް ނާދެއެވެ.