ޚަބަރު

ސާފް ޗެމްޕިއަންޝިޕް: ޓިކެޓު ހޯދަން އެތައް ގަޑިއިރެއް ކުރިން ކިޔޫ ހަދައިފި


  • މެޗުގެ ޓިކެޓް ވިއްކަން ފަށާނީ ހުކުރު ދުވަހުގެ ހެނދުނު 08:30 ގައި

  • ފައިނަލުގައި ވާދަކުރާނީ އިންޑިއާ އާއި ބަންގްލަދޭޝް

މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފޯރި ގަދަވެފައިވާއިރު، މުބާރާތުގެ ފަހު މެޗަށް މިވަނީ ވަގުތު ކުޑަތަންވެފައެވެ.

ޖުމްލަ ހަތް ގައުމަކުން ވާދަކުރި މި މުބާރާތުގެ ފައިނަލްގައި ވާދަކުރަނީ ބަންގްލަދޭޝްއާއި އިންޑިއާ އެވެ. ކަން ދިމާކުރި ގޮތުން މި ދެ ޤައުމަކީ، ރާއްޖޭގައި އެކި ބޭނުމަށް ދިރިއުޅޭ އެތައް ހާސް ރައްޔިތުންނެއް ނިސްބަތްވާ ދެ ގައުމެވެ.

މި ދެ ޓީމުން ގުރޫޕު ސްޓޭޖުގައި ވެސް ވާދަކޮށްފައިވާއިރު، އެ މެޗަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަދެފައެވެ. 4000 އެއްހައި ސަޕޯޓަރުން ވަތް އެ މެޗު ވެގެންދިޔައީ، މި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު ދަނޑަށް ވަތް މެޗަށެވެ.

ދަނޑުގައި، އެންމެ ފޯރިގަދަވާ މެޗުތަކެއްގެ ގޮތުގައި ފާހަގަކުރެވެނީ ބަންގްލަދޭޝް ބައްދަލުކުރާ މެޗުތަކެވެ. އެކަން، އިންޑިއާ އާއި ބަންގްލަދޭޝް މެޗަށްފަހު އޮތް، ސެމީ ފައިނަލުގައި ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުން ވެސް ފެނިގެންދިޔައެވެ.

އެ ދެ މެޗުގައި ވެސް ހީވީ، ގަލޮޅު ދަނޑު، "މިނިީ ޑާކާ" އަކަށް ބަދަލުވިހެންނެވެ.

އެކިއެކި ސަބަބުތަކާހުރެ އިންޑިއާ އާއި ބަންގްލަދޭޝް އަކީ ވަރަށް ވާދަވެރިކަން ބޮޑު ދެ ގައުމަށްވާއިރު، މުބާރާތުގެ ފައިނަކުގައި މި ދެ ޓީމު ބައްދަލުކުރުން ވެގެންދިޔައީ، މި މެޗާއި، މުޅި މުބާރާތުގެ ވެސް ފޯރި ވަރަށް ބޮޑަށް ގަދަވެގެންދިޔަ ކަމަށެވެ.

އެކަން ހާމަވާ އެއް ކަމަކީ، ހުކުރު ދުވަހުގެރޭ 8:30 ގައި ފަށާ އެ މެޗަށް ޓިކެޓު ގަތުމަށް، ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތުން ފެށިގެން ވެސް މީހުން ކިއު ހަދައިފައި ވުމެވެ.

ބުރާސްފަތި ދުވަހުގެރޭ ޓިކެޓު ވިއްކަން ނިންމާފައި އޮތްނަމަވެސް، ދިމާވި އެކިއެކި ސަބަބުތަކާހުރެ ޓިކެޓު ވިއްކުން ހުކުރު ދުވަހުގެ ހެނދުނު 8:30 އަށް ބަދަލުކުރިކަން އެންގުމުން ވެސް، މެޗަށް ޓިކެޓު ގަތުމަށް ހެދި ކިއު ދިޔައީ ހަމަ އިތުރުވަމުންނެވެ.

ސޯޝަލް ސެންޓަރު ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން އެއްވެފައިވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ވެސް ގެންދަނީ، ޓިކެޓު ވިއްކާނީ ހުކުރު ދުވަހުގެ ހެނދުނުކަން އަންގަމުންނެވެ. އެ އެންގުންތަކާ އެކުވެސް، ކިއުއިން ފައިބަން ގިނަބަޔަކު ބޭނުމެއް ނުވިއެވެ.

ކިއުއަށް އެރި ބައެއް މީހުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ބުނީ، ދެން ގެއަށް ދާނީ ޓިކެޓު ގަނެފައި ކަމަށެވެ. ގިނަބަޔަކު މެޗު ބަލަން ބޭނުންވާތީއާއެކު، އަވަހަށް ޓިކެޓު ހުސްވުމުގެ ބިރު ވެސް އޮތަތީ، އެ މީހުން އެ "ރިސްކު ނަގަން" ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ.